އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި އަމާންކަން ގާއިމުކޮށްދިނުމަށް ގޮވާލައިފި

Jun 3, 2022
2

އައްޑޫ ސިޓީގައި އަމާންކަން ގާއިމުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ކައުންސިލުން މިކަމަށް ގޮވާލާފައި މިވަނީ އައްޑޫގައި ސިލްސިލާ މާރާމާރީތަކެއް ހިންގާ އެކަކު މަރާލާފައި ވަނިކޮށް ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.

ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާއި ގާނޫނުއަސާސީއާ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ މުއާހަދާތަކުން މަނާކުރާ އަދި ހައްގުތަކެއް ކަށަވަރުކޮށްދީފައިވާ މުޖުތަމައެއްގައި މާރާމާރީ ފަދަ އަމަލުތައް ހިންގުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި މައްސަލައަކީ މުޖުތަމައުގެ އަމާންކަމާއި ސަލާމަތާ ގުޅިފައިވާ ނުރައްކާތެރި މައްސަލައަކަށް ވުމުން މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބުދީ، ރަށު ތެރޭގައި އަމާންކަން ގާއިމުކޮށްދެއްވުން އަވަސްކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި ކަމާބެހޭ އިދާރާތަކަށް މި ކައުންސިލުން ގޮވާލަމެވެ،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުންޏެވެ.

އައްޑޫ ސިޓީގެ ފޭދޫގައި ބުދަ ދުވަހުގެ ރޭ މެންދަމު 3:10 ހާއިރު މާރާމާރީ ހިންގާ ޒަހަމްކޮށްލި 19 އަހަރު ޒުވާނަކަށް އައްޑޫ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ފަތިހު ވަނީ މަރުވެފަ އެވެ.

މަރުވީ މުހައްމަދު ޒަޔާން މޫސާ ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާނެކެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ހަމަލާދީފައިވަނީ ޒުވާނާގެ ބުރަކަށްޓަށް ކަމަށާއި ނަމަވެސް ޒަހަމް ފުންކޮށް ހުރުމުން މެޔަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގައި ހިނގަމުންދާ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ.

ފޭދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީ ހިންގާ 19 އަހަރުގެ ޒުވާނެއް ޒަހަމްކޮށްލާފަ އެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ މާލޭގަ އެވެ.