ހަބަރު

ލަންކާގައި ދިވެހި ދިދައެއް އެކޮޅުކޮޅުން! ދިވެހި ގްރޫޕަކުން ދިިދަ ތިރިކުރުވައިފި!

ލަންކާ ސައިފަތުގެ އަސްލު އުފެދިގެން އައި ނޫރަލިޔާގައި ހުންނަ، ސައިފަތް އުފައްދާ އެންމެ ބޮޑު އެއް ކާރުހާނާ، "މެކްވުޑް ޓީ ފެކްޓްރީ" އަށް އެތައް ހާސް ދިވެހިންނެއް ޒިޔާރަތް ކުރެ އެވެ. އެއީ ކޮންމެ ދުވަހަކު ހިނގާ ކަމެކެވެ ނޫރަލިޔާ ބަލައިލަން ދާ ބަޔަކު އެތަނަށް ނުގޮހެއް ނާންނާނެ އެވެ. އެ މަރުކާގެ ސައިފަތް އެކްސްޕޯޓް ކުރާ އެތައް ސަތޭކަ ގައުމެއްގެ ދިދަތަކުގެ ތެރޭގައި ދިވެހި ދިދަ ވެސް ހިމެނޭ އިރު، ދިވެއްސެއްގެ ލޮލުގައި އެކަން އަޅައިގެން ހެނެއް ހިއެއް ނުވެ އެވެ. އެހެން ނަމަވެސް އެތަނަށް މިއަދު ޒިޔާރަތް ކުރި ހަތަރު ދިވެހިންގެ ގްރޫޕެއްގެ ލޯތަކުގައި އެ ދިދަ ވަނީ އަޅައިގެންފަ އެވެ. ދިވެހި ދިދަ އެކޮޅުކޮޅުން ހުއްޓަ އެވެ.

ސްރީލަންކާއަށް ގޮސް އުޅުނު އެ ހަތަރު ދިވެހިންގެ ގްރޫޕުން ވާހަކަ ދެއްކި މީހަކު ބުނީ، ދިދައިގެ ހަނދުފަޅި އިނީ ދިދަ ދަނޑި އާއި ދިމާލަށް ކަމަށެވެ. އެހެން ނަމަވެސް ދި ދަނޑި އާ ދިމާލަށް ހުންނަ ޖެހޭނީ ހަނދުފަޅީގެ ފަހަތެވެ.

އެ މީހުން ބުނީ އެކަން ފާހަގަ ވުމާއެކު ވަގުތު އެތާހުރި ގާޑްގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އަދި ދިިދަ ތިރިކޮށްގެން ބެލި އިރު އެހެން ވެފައި ހުރީ ދިދަ ފެހުމުގެ މައްސަލަކުން ކަން އެނގުނެވެ. އެއާއެކު އެ މައްސަލަ ވަގުތުން ފެކްޓްރީ މެނޭޖްމަންޓާ ބައްދަލުކޮށް ސަމާލުކަމަށް ގެނައި ކަމަށް ވެސް އެ ގްރޫޕުން ބުންޏެވެ.

"އެ މީހުން ވަގުތުން ކޮމްޕްލެއިން ފޯމެއް ފުރުވައިފި. ވަރަށް އަވަހަށް ރަނގަޅު ކުރާނެ ކަމަށް އެ މީހުން ބުނީ،" އެ ގްރޫޕުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

އެ ޝަކުވާޔާ ގުޅިގެން ދިވެހި ދިދަ ވަގުތީ ގޮތުން ވަނީ ތިރިކޮށްފަ އެވެ. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ދިވެހި ދިދަ ރަނގަޅުކޮށް އަލުން ނަގާނެ ކަމަށް އެ ފެކްޓްރީ އިން މިހާރު ވަނީ ބުނެފަ އެވެ.