ލައިފްސްޓައިލް

މަރުގެ އަދަބުން ސަލާމަތްވާން މެދުވެރިވީ މަރުވެފައިވާ މީދަލެއް

ޖަލަށް ލާ މީހުންގެ ތެރެއިން އެންމެ ބޮޑު އަދަބެއް ލިބެނީ މަރަށް ނިޔާ ކަނޑައަޅާ މީހުނަށެވެ. ހާއްސަކޮށް މަރުގެ އަދަބު ތަންފީޒުކުރާ ގައުމުތަކުގައި މަރަން ނިޔާ ކަނޑައެޅުމަކީ އެމީހާއަށް ދުނިޔޭގެ ހުރުމުގެ އުންމީދު މުޅިން ކެނޑޭ ކަމަކަށް ވެއެވެ. އެފަދަ މީހަކު ސަލާމަތް ކުރަން ގާނޫނީ ވަކީލުން ރެޔާ ދުވާލު މަސައްކަތް ކުރިޔަސް ގިނަ ފަހަރަށް އެމީހުންގެ ކުށެއް ނެތްކަން ސާބިތުވާ ވަރުގެ ހެކި އޮންނަނީ ނުހޯދިފަ އެވެ. ނަމަވެސް ސިންގަޕޫރުގައި ދާދިފަހުން މަރަށް ނިޔާ ކަނޑައެޅި މީހަކު އަޖައިބެއް ފަދަ ގޮތަކަށް ވަނީ މަރުން ސަލާމަތްވެފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި މީހާގެ ހަމަ ނަސީބު ގަދައީ އެވެ. އެހެންނޫންނަމަ އޭނާ މިފަހަރު މަރުން ސަލާމަތެއް ނުވީހެވެ.

ރާޖް ކުމާރު އައިޔާޗަމީ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ސިންގަޕޫރުގެ ކޯޓަކުން 2015 ގައި މަރަން ނިޔާ ކަނޑައަޅާފައި ހުރި މީހެކެވެ. ދެ ކިލޯ ކެނަބިސް އެތެރެ ކުރިކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް މަރާލަން މަދު މިނިޓަކަށް ވެފައި ވަނިކޮށް ރާޖް ކުމާރުގެ ކުށެއް ނެތް ކަން ސާބިތުވީ އެވެ. މިކަމުގައި އޭނާ ކުށްވެރި ނުވާ ކަން ސާބިތުވީ ހެއްކަކަށްވީ މަރުވެފައިވާ މީދަލެކެވެ.

ރާޖް ކުމާރުގެ މައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު އޭނާ އަބަދުވެސް ބުނަމުން ދިޔައީ އޭނާ އޯޑަރު ކުރީ ކެނަބިސް އަށް ނޫން ކަމަށާއި ސިންގަޕޫރަށް އެތެރެ ކުރުމުގެ ހުއްދަ އޮންނަ ބަޓަފްލައި ބްރޭންޑްގެ ދުންފަތަށް ކަމަށެވެ. ނަމަވެސް ކޯޓުން އޭނާ ދެއްކި ވާހަކަތައް އަޑު ނާހައި މަރުގެ ނިޔާ އިއްވީ އެވެ.

ރާޖްގެ ނަސީބު އޭނާގެ އަތުގައި ހިފީ ޖަލުގެ ގޮޅިން އޭނާ އާ ބައްދަލުވި މާކް ކަލައިވަނަން ޓަމިލަރަސަން ކިޔާ މީހަކާ އެކުވެރިކަން ބަދަހިވެގެންނެވެ. ރާޖްގެ ކުށެއް ނެތް ކަމަށް ސާބިތުވާން އެހީތެރިވީ އެމީހާ އެވެ.

ރާޖްގެ ނަސީބު ރަނގަޅު ކަމުން އެ ދެ މީހުން ހައްޔަރުކުރީ 2015 ވަނަ އަހަރުގެ އެއް ދުވަހެއްގައި އެއް ތަނަކުންނެވެ. މާކް އޮފިޝަލުން ކައިރީ ބުނި ގޮތުގައި އެ ދުވަހު އޭނާ އެތަނަށް ދިޔައީ ގަންޖާ ދަބަހެއް ގަންނާށެވެ. ނަމަވެސް ގަންޖާގެ ބަދަލުގައި އޭނާއަށް ލިބުނީ ބަޓަފްލައި ޓޮބޭކޯ ކޮތަޅެކެވެ.

މާކް އެހާ ރަނގަޅަށް އެ ދުވަސް ހަނދާންހުރީ އޭނާ ވަރަށް ލޯބިން އޮޅުކޮށްގެން ގެންގުޅުނު މީދަލެއް މަރުވީ 21 ސެޕްޓެމްބަރުގައި ކަމަށް ވާތީ އެވެ. މީދާ މަރުވި ދުވަސް ހަނދާނުގައި ބަހައްޓަން މާކް ވަނީ އެ ތާރީހުގެ ޓެޓޫއެއް އޭނާގެ އިނގިލީގައި ޖަހާފަ އެވެ.

މާކް ބަޔާން ދިނުމަށް ފަހު އުއްތަމަ ފަނޑިޔާރު ވަނީ ރާޖް ކުމާރުގެ މައްސަލަ އަލުން ބަލަން އަންގާފަ އެވެ.

ޑެއިލީ ސްޓާގައި މި ޚަބަރުގައި ބުނެފައިވާ ގޮތުގައި މި ކުށަށް އިއުތިރާފުވުމުން ޚުދް މާކް އަށް މަރުގެ އަދަބު ލިބުން އެކަށީގެން ވެއެވެ. ވީމާ އޭނާ ދޮގެއް ހަދައިގެން ރާޖް ކުމާރު ސަލާމަތްކުރަން މަސައްކަތްކުރާނެ ކަމަކަށް އެކަކަށް ވެސް ގަބޫލެއް ނުކުރެ ވެއެވެ.

މާކް ޖަލުގައި ހުރީ އޭނާ ކުރި އެހެން ކުށަކާ ގުޅިގެންނެވެ. ނަމަވެސް އޭނާ އަކީ މަރުގެ ނިޔާ އިއްވާފައި ހުރި މީހެއް ނޫނެވެ. ނަމަވެސް މިހާރު ރާޖް ކުމާރުގެ މައްސަލަ އަލުން ބަލަން ފެށުމުން ރާޖްގެ ބަދަލުގައި މާކް އަށް މަރުގެ ނިޔާ އިއްވުން ވަރަށް ކައިރި އެވެ.