ރައްޔިތުންގެ މަޖިލިސް

އޮޅުވާލައިގެން ޕާޓީތަކަށް ވައްދާ މައްސަލަ މަޖިލީހަށް

Jun 7, 2022

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގަ އާއި ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލުގެ ސަަބަބުން އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.

މައްސަލައިގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގަ އާއި އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގަ އާއ އަދި ޕާޓީން މެންބަރުން ވަކިކުރުމުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ނެތި އަމަލުކުރަމުންދާ ކަމަށެވެ.

އެގޮތަށް އަމަލުކުރުމަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އިން ރައްޔިތުންނަށް ލިބިދީފައިވާ "ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު"ގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

އެފަދަ ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ވަކި ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ހައްގު ގެއްލުމާއި އަދި އެ ފަރާތްތަކުގެ އިހްތިޔާރު ނަގާލެވޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެ ފަރާތްތަކުގެ ނަމުގައި ނުހައްގު މާލީ މަންފާ އާއި ގެއްލުން ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މައްސަލައިގައި ބުނެފައިވަނީ މިފަދަ ޝަކުވާތައް ބެލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން އިތުރު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުދަނގޫތައް ކުރިމަތިވަމުންދާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

"ގާނޫނާއި ގަވައިދާ ހިލާފަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ޕާޓީ ބަދަލުކުރުން ތަކުރާރުކޮށް ހިނގަމުންދާތީ އެކަމުގެ ސަބަބުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ޖެހެން ބޭނުން ނުވާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ ޝަކުވާތައް އިތުރުވެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށަހަޅަމެވެ." މައްސަލައިގައި ބުނެފައިވެ އެވެ.

އާންމު ބައެއް ރައްޔިތުންނަށް ނޭނގި ސިޔާސީ ޕާޓީ ތަކަށް ވެއްދުމާއި ވަކިކުރުމަކީ އާންމުންނާއި ސިޔާސީ ޕާޓީ ތަކުން ވެސް ކަންބޮޑުވާ މައްސަލަ އެކެވެ. އަދި އެއީ ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލަައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވެސް ގަބޫލުކުރައްވަ އެވެ.