ވިޔަފާރި

ނޮވެމްބަރުމަހު އިންފްލޭޝަން 1.5 ޕަސެންޓް މަައްޗަށް

Jan 3, 2016

ފާއިތުވި 2014 ވަނަ އަހަރާއި އަޅައި ބަލާއިރު މިދިޔަ ނޮވެންބަރުމަހު ރާއްޖޭގެ އިންފްލޭޝަން 1.5 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.

އެންބީއެސް އިން މަހުން މަހަށް ނެރޭ ތަފާސް ހިސާބުގައި ބުނެފައިވަނީ، ފާއިތުވި 2014 ވަނަ އަހަރުގެ ނޮވެމްބަރުގައި އިންފްލޭޝަން ހުރިވަރަށް ވުރެ 1.5 ޕަސެންޓް މި ދިޔަ ނޮވެމްބަރު މަހު އުފުލިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އޮކްޓޫބަރުމަހާއި ނޮވެމްބަރު މަހު އެންމެ ބޮޑަށް އަގު އުފުލުނީ މަހުގެ ބާވަތްތަކުން ނެވެ. ދެހާސް ސާދަ ވަނަ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު، މަހުގެ އުފެއްދުންތަކުން ފަސް ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.

މަހުގެ ބާވަތްތަކުގެ އިތުރަށް މިދިޔަ އަހަރު ދެން އެންމެ ބޮޑަށް އަގު އުފުލުނީ ގޭގެ ކުއްޔާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުންނެވެ.
ގޭގެ ކުލި ސުމެއް ޕޮއިންޓް އެކެއް ޕަސެންޓް މައްޗަށް ދިޔަ އިރު ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ވެސް ހަމަ އެވަރަށް އުފުލުނު ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

މިދިޔަ ނޮވެމްބަރުމަހު އަގު ދަށްވި ބައެއް ތަކެތީގެ ތެރޭގައި ތަރުކާރީ ހިމެނެއެވެ. އަދި ހިފާގެންގުޅޭ ސާމާނާއި، މޭވާގެ ބާވަތްތަކާއި، ބިހާއި ކިރު އަދި ޗީޒްގެ ބާވަތްތަކުގެ އިތުރަށް އަންނައުނުގެ އަގުތައް ވެސް ވަނީ ދަށް ވެފަ އެވެ.