ސޮނީ ޓީވީގެ މަޝްހޫރު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގެ ބަތަލު ނަކުލް މެހެތާ ފަހަކަށް އައިސް ވަރަށް ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓްކުރި ވާހަކަ އިވިފައި އޭނާގެ ފޭނުން ތިބީ ވަރަށް ކަންބޮޑުވެފަ އެވެ.
މި ޚަބަރު ފެތުރުމާ ގުޅިގެން ނަކުލް ނެރުނު ބަޔާނެއްގައި ބަލިވެ އުޅޭކަމަށް އެއްބަސްވެފައި ވެއެވެ. އަދި އޭނާގެ އެޕެންޑިކްސް ނަގަން ސާޖަރީއެއް ހަދާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާ ބަލިވެ އުޅޭތީ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގެ ޝޫޓިންގަށް ބުރޫ އަރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ސާޖަރީ އަށް ފަހު ކޮންމެވެސް ވަރަކަށް ރަނގަޅު ވެގެން ނަކުލް މިހާރު އެނބުރި ސެޓަށް ހާޒިރުވާން ފަށާފައިވާއިރު އޭނާ ބުނަނީ އެއް ގުނަވަން މަދުވި ނަމަވެސް އަޒުމަށް ބަދަލު ނާންނަ ކަމަށެވެ.
ނަކުލް ބުނި ގޮތުގައި ސާޖަރީ ހަދަން ޖެހުމުން އޭނާ ފުރަތަމަ ވެސް ހިތަށް އެރީ ސިލްސިލާގެ ޝޫޓިންގް ހުއްޓުމަކަށް އަންނާނެ ކަމެވެ. ނަމަވެސް ހަޔާތުގެ ކަންކަން ރާވަން އެނގެނީ ކާކަށްތޯ އޭނާ ސުވާލު ކުރި އެވެ.
ނަކުލް ވަނީ އޭނާއަށް ފަރުވާ ދިން ޑޮކްޓަރުންނަށާއި ހެޔޮއެދުން ފޮނުވި ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ނަކުލް ޓީވީގެ ސްކްރީނަށް ތައާރަފްވީ 2001 ގައި ސްޓާ ޕްލަސް އިން ދެއްކި "ޕިޔާރް ކާ ދަރްދް ހޭ މީޓާ މީޓާ ޕިޔާރާ ޕިޔާރާ" އިންނެވެ. މި ސިލްސިލާގައި ނަކުލް އާއެކު ލީޑް ރޯލު އަދާކުރީ "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގައި ވެސް އޭނާ އާއެކު ލީޑް ރޯލު އަދާކުރާ ދިޝާ ޕަރްމާރް އެވެ. ފަހުން އޭނާ ވަނީ "އިޝަގްބާޒް" އާއި "ދިލް ބޯލޭ އޮބެރޯއީ" ކިޔާ ދެ ސިލްސިލާ ވެސް ކުޅެފަ އެވެ. "ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގައި ނަކުލް ކުޅެނީ ރާމްގެ ކެރެކްޓާ އެވެ.
އިންޑިއަން ޓެލެވިޒަން އެކަޑަމީ އެވޯޑްސްގެ ބެސްޓް އެކްޓަރު (ކްރިޓިކްސް) ނަކުލް އަށް ދާދިފަހުން ވަނީ ލިބިފަ އެވެ. މިއީ ރާމްގެ ކެރެކްޓާ އޭނާ ކުޅޭލެއް މޮޅުކަމުން ލިބުނު އެވޯޑެކެވެ.