ދުނިޔެ

ސައުދީ އާއި އިރާންގެ ގުޅުން ނިމުމަކަށް!

މިދިޔަ ހޮނިހިރު ދުވަހު ސައުދީގައި މަރުގެ އަދަބު ތަންފީޒުކުރި މީހުންގެ ތެރޭގައި ހިމެނޭ އިރާނުގެ ޝީޢީ ލީޑަރު ނިމްރް އަލް ނިމްރްގެ މަރާއެކު އިރާނުގައި ކުރި މުޒާހަރާތަކުގައި ސައުދީގެ އެމްބަސީގައި ރޯކޮށްލާ އެތައް ގެއްލުންތަކެއް ދީފައިވާތީ ސައުދީން އިރާނާއެކު އޮންނަ ހުރިހާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައި، 48 ގަޑިއިރުގެ ތެރޭގައި ސައުދީގައި ތިބި އިރާނު ރައްޔިތުން ފައިބަން އަންގައިފި އެވެ.

މިކަމާއި ގުޅިގެން ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބެއިރް ވިދާޅުވީ ސައުދީ އެމްބަސީގައި ރޯކޮށްލުމުގައި އިރާން ސަރުކާރުގެ އަތެއް ވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ސައުދީ އެމްބަސީގައި ރޯކޮށްލުމާއެކު އިރާންގެ ފޮރިން މިނިސްޓްރީއަށް ތިން ފަހަރު ގުޅި ކަމަށާއި ނަމަވެސް ފޯނަށް ޖަވާބު ދީފައިނުވާ ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި އިރާނުގައި ހުންނަ ސައުދީ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުންވަނީ އެނބުރި އައިސްފަ އެވެ.

ހޮނިހިރު ދުވަހު މަރުގެ އަދަބު ދިން 47 މީހުންގެ ތެރޭގައި ހިމެނޭ ނިމްރް އަކީ ޝީއީ ޖަމާއަތުގެ ޝޭހެކެވެ. އޭނާ ހައްޔަރުކުރީ ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާއެއްގައި، ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެގެން 2011 ވަނަ އަހަރެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ސައުދީގެ ސުޕްރީމް ކޯޓުންނެވެ.

ނިމްރްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުން އިރާން ވަނީ އެކަމާއި ރުޅިގަދަ ވެފަ އެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ސައުދީން ބުނީ ސަރުކާރުން ސުންނީންނާއި ޝީއީންނާއި ދެމެދު ތަފާތުކުރުންތަކެއް ނުގެންގުޅޭ ކަމަށެވެ. އަދި މީގެއިތުރުން ސައުދީން ވަނީ އިރާނުން އެކަމުގެ ތެރެއަށް ވަނުމުން ނުރުހުން ފާޅުކޮށް، އެކަމާއި ދެކޮޅަށް އިރާނުން ދައްކާ ވާހަކަތައް ކުށްވެރިކޮށްފަ އެވެ.

ސައުދީގެ އެމްބަސީގެ އިތުރުން، އިރާނުގެ މުޒާހަރާގެ ބައިވެރިން ވަނީ ސައުދީއަށް ނިސްބަތްވާ އިތުރު ޑިޕްލޮމެޓިކް މިޝަނެއްގައި ވެސް ރޯކޮށްލާފަ އެވެ.

ނިމްރު މަރާލުމާއި ގުޅިގެން އިރާޤާއި، ލުބުނާން އަދި ބަހުރައިންގައި ވެސް މުޒާހަރާކޮށްފައިވެއެވެ. މިގައުމުތަކަކީ ޝީއީންގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ގައުމުތަކެކެވެ. މީގެ އިތުރުން ޔަމަނާއި ޕާކިސްތާން ގައި ވެސް ޝީއީން މުޒާހަރާކޮށްފައިވެއެވެ.