އެޗްޑީސީ

ހިޔާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުން ކުލި ދައްކަން އަންގަން ފަށައިފި

Jun 9, 2022

ހިޔާ ފްލެޓްތަކަށް އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާ މީހުން ޖޫރިމަނާކޮށް ފައިސާ ދައްކަން އަންގަން ފަށައިފި އެވެ.

ހިޔާ ފްލެޓަށް ކޮންމެ މަހަކު ދައްކަންޖެހެނީ ކުލީގެ ގޮތުގައި 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ އެވެ.

އެޗްޑީސީން ހިޔާ ފްލެޓްތަކަށް ކުލި ނަގަން ފެށީ ފްލެޓްތަކަށް މީހުން ބަދަލުވިތާ ހަތް މަސް ފަހުން މިދިޔަ އޭޕްރީލް މަހުން ފެށިގެންނެވެ.

ކުލި ނަގަން ފެށުމުން އެއީ ބޮޑު އަދަދެއް ކަމަށް ބުނެ ހިޔާ ފްލެޓް ލިބުނު ބައެއް މީހުން ވަނީ އެޗްޑީސީއާ ދެކޮޅަށް މުޒާހަރާކޮށް ކުލި ދެއްކުމަށް ދެކޮޅު ހަދާފަ އެވެ.

ކުލި ނުދައްކާ މީހުންނަށް އެޗްޑީސީން މިހާރު ދަނީ ކުލި ދެއްކުމަށް އަންގާ، ފުރަތަމަ ނޯޓިސް ފޮނުވަމުންނެވެ. އެޗްޑީސީގެ ލިޔުމުގައި ވަނީ އެ ލިޔުން ލިބޭތާ 30 ދުވަހުގެ ތެރޭގައި ކުއްޔާއި ޖޫރިމަނާ ދެއްކުމަށް އަންގާފަ އެވެ.

އެޗްޑީސީގެ ލިޔުމުގައި ވަނީ ފައިސާ ނުދައްކާނަމަ މަހުން މަހަށް ޖޫރިމަނާ އަރަމުންދާނެ ކަމަށް ހަނދާންކޮށްދީފަ އެވެ. ފައިސާ ދައްކަންޖެހޭ އަދަދު "މައި ހުޅުމާލެ" ވެބް ޕޯޓަލް ނުވަތަ 1516 އަށް މެސެޖްކޮށްގެން ބެލޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހިޔާ ފްލެޓް ލިބުނު ގިނަ މީހުން ބޭނުންވަނީ އެތަނުގެ ކުލި 3،600 ރުފިޔާ އަށް ކުޑަކޮށް، މެއިންޓަނަންސް ފީ ކަނޑާލުމަށެވެ. ނަމަވެސް މިހާރު ދައްކަންޖެހޭ އަދަދު ކުޑަކޮށްދެވެން ނެތް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.