ދުނިޔެ

ރަޝިއާއާ ދެކޮޅުވެރިވާން ޖަރުމަނު ޕްރެޝަރު ކުރޭ: ސާބިއާ

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގައި ބައިވެރިވުމަށް ޖަރުމަނުން ޕްރެޝަރުކުރާ ކަމަށް ސާބިއާގެ ރައީސް އެލެގްސަންދަރު ވޫޗިޗް ވިދާޅުވެއްޖެ އެވެ.

ރަޝިއާ ސިފައިން މިއަހަރު ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތައް ކުށްވެރި ކުރުމުގައި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަރު ބަނދެގެން ތިބި ނަމަވެސް، ރަޝިއާ ކުށްވެރިކޮށް ވަކި އެއްޗެއް ބުނަން ބައެއް ގައުމުތަކުން ބޭނުމެއް ނުވެ އެވެ. އޭގެ ތެރޭގައި ޗައިނާ އާއި އިންޑިއާ އަދި ސާބިއާ ވެސް ހިމެނެ އެވެ.

ސާބިއާ އާއި ރަޝިއާއަކީ ވަރަށް ގާތް ދެ ގައުމެވެ. ރަޝިއާއަށް ދުނިޔެ ދަތިކުރި ނަމަވެސް ސާބިއާއިން ދަނީ ރަޝިއާއާ ގުޅުން ބަަދަހިކޮށް ވިޔަފާރި އެއްބަސްވުންތައް އެކުލަވާލަމުންނެވެ.

ސާބިއާއަށް ދެ ގޮނޑިއަށް ފައި ނުނެގޭނެ ކަމަށް ކްރޮއޭޝިއާއިން ވެސް ވަނީ ބުނެފަ އެވެ. ދެ ތަށިން އެއްފަހަރާ ކާން ހަދައިގެން ސާބިއަށް ލަނޑު ލިބުން ގާތް ކަމަށް ވެސް ކްރޮއޭޝިއާއިން ބުނެ އެވެ.

ކްރޮއޭޝިއާ ބުނާ ގޮތުން ސާބިއާ ވަކި ކޮޅެއް ނަގަން ޖެހެ އެވެ. އެއީ ރަޝިއާ ނުވަތަ ޔޫރަޕިއަން ޔޫނިއަނެވެ. ޔޫރަޕިއަން ޔޫނިއަނާ ގުޅެން އެދޭ ނަމަ ސާބިއާއަށް އޮތް ގޮތަކީ ރަޝިއާ ދޫކޮށްލުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވޫޗިޗް ވިދާޅުވި ގޮތުގައި ރަޝިއާ އާއި ސާބިއާ ޖައްސައި ދެކޮޅުވެރި ކުރުވަން ޔޫރަޕް ވަރަށް ބޮޑަށް މަސައްކަތް ކުރެ އެވެ. އޭގެ އެއް މިސާލެއް ކަމަށް ވޫޗިޗް ފާހަގަ ކުރެއްވީ ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ސާބިއާއަށް ކުރަންވަން އޮތް ދަތުރެވެ.

ސާބިއާގެ ވެރިރަށް ބަލްގްރޭޑަށް ވަޑައިގަތުމަށް ލަވްރޯފް ޖޫން ހައެއްގައި ފެއްޓެވި ދަތުރު ވަނީ ހުއްޓާލަން ޖެހިވަޑައިގެންފަ އެވެ. އެއީ ބަލްގޭރިއާ އާއި އުތުރު މަސެޑޯނިއާ އަދި މޮންޓެނީގްރޯއިން އެ ގައުމުތަކުގެ ވައިގެ ސަރަހައްދުން ދަތުރު ކުރުމަށް ލަވްރޯފް އަށް ހުއްދަ ނުދިނުމުންނެވެ.

ރަޝިއާގެ މަތިންދާބޯޓުތަކަށް ޔޫރަޕްގެ ވައިގެ ސަރަހައްދު އޮތީ މުޅިން ބަންދު ކޮށްފަ އެވެ. ލަވްރޯފްއަށް އަށް ސާބިއާއަށް ދަތުރު ނުކުރެއްވުނީ ޔޫރަޕްގެ އިއްތިހާދުން އެއްބަސްވެފައި އޮތް ގޮތަށް އަމަލު ކުރަން އެ ގައުމުތަކަށް މަޖުބޫރުވެފަައި އޮތުމުންނެވެ.

ސާބިއާގެ ރައީސްަ ވޫޗިޗް ވިދާޅުވި ގޮތުގައި ސާބިއާއަށް އެންމެ ރަނގަޅު ގޮތް ކަނޑައަޅާނީ ސާބިއާއިންނެވެ. އަދި ރަޝިއާއިން ތެޔޮ ގަތުމަކީ ސާބިއާއަށް މިވަގުތު އެންމެ ރަނގަޅު ގޮތެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރަށް ސާބިއާއަށް ވަޑައި ނުގެންނެވުނު ނަމަވެސް، ރަޝިއާއަށް ވަޑައިގަތުމަށް ސާބިއާގެ ރައީސް ވޫޗިޗްއަށް ރަޝިއާއިން ވަނީ ދައުވަތު ދީފަ އެވެ.