ޓޫރިސްޓް އެރައިވަލް

މިމަހުގެ ފުރަތަމަ އަށް ދުވަހު ރާއްޖެ އަށް 30,562 ޓޫރިސްޓުން

Jun 12, 2022

މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމަށް 56 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާއިރު، މި މަހުގެ ފުރަތަމަ އަށް ދުވަހު ރާއްޖެ އަށް 30,562 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމައަށް ދަށް ދުވަހު ރާއްޖެ އަށް 732,884 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 468,387 ޓޫރިސްޓުންނާ އަޅާ ބަލާއިރު 56.5 ޕަސެންޓުގެ އިތުރުވުމެކެވެ. ނަމަވެސް މި އަދަދު 2019 އާ އަޅާބަލާނަމަ ކުޑަ ދަށްވުމެއް ފާހަގަ ކުރެވެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ގިނަ ރެކޯޑުތަކެއް ހެދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 780,931 ޓޫރިސްޓުންނެވެ. އެހެންވެ މިއީ މި އަހަރުގެ މިހާތަނަށް އައި 732,884 މީހުންނާ އަޅާބަލާނަމަ 6.2 ޕަސެންޓުގެ ދަށްވުމެކެވެ.

ޓޫރިސްޓުން އައި އަދަދު މަސް ވަކިން ބަލާނަމަ މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް 30,562 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މި އަދަދަކީ 2019 ވަނަ އަހަރު އައި 31,817 މީހުންނާ އަޅާބަލާއިރު 3.9 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރު އައި 14,004 ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 118.2 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

ގިނަ ޓޫރިސްޓުން އައި ގައުމުތައް

  • އިންޑިއާ 104,800 (14 ޕަސެންޓުގެ ހިއްސާ)
  • އިނގިރޭސިވިލާތް 90,394 (12.3 ޕަސެންޓުގެ ހިއްސާ)
  • ރަޝިއާ 70,212 (9.6 ޕަސެންޓުގެ ހިއްސާ)
  • ޖަރުމަނިވިލާތް 62,950 (8.6 ޕަސެންޓުގެ ހިއްސާ)
  • އިޓަލީ 46,111 (6.2 ޕަސެންޓުގެ ހިއްސާ)
  • އެމެރިކާ 34,609 (4.7 ޕަސެންޓުގެ ހިއްސާ)

ޓޫރިޒަމް ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާއިން 104,800 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެ ގައުމުން ރާއްޖޭގެ ޓޫރިޒަމްގެ ހިއްސާއަކީ 14 ޕަސެންޓެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުން 90،000 މީހުން އައިސްފައިވެ އެވެ.

މިހާތަނަށް ބަލާއިރު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ ނިސްބަތް އުޅެނީ 4,603 ގަ އެވެ. އަދި އެވްރެޖުކޮށް ޓޫރިސްޓުން މަޑުކުރަނީ އަށް ދުވަހު އެވެ.