އައިޝަތު ނަހުލާ

ގައުމު ތަރައްގީކުރަން އެންމެ މުހިއްމީ ދަތުރުފަތުރުގެ ނިޒާމު: ނަހުލާ

Jun 12, 2022
1

ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުކޮށް ގައުމު ތަރައްގީކޮށް ކުރިއަށް ގެންދެވެން ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހްލާ މިހެން ވިދާޅުވީ ގައުމީ ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރަސްމިއްޔާތު ރޭ ބޭއްވި ނަމަވެސް ގައުމީ ފެރީ ނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ހއ، ހދ އަދި ށ. އަތޮޅުގެ ދަތުރުތައް ފެށީ މިއަދު އެވެ.

ނަހްލާ ވިދާޅުވީ ރާއްޖެ ތަރައްގީކުރަން އެދޭނަމަ އަދި ލާމަރުކަޒީ ނިޒާމުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި ވަރުގަދަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށެވެ. ދުވެލި ބާރު ފެރީތަކެއް ބޭނުންކޮށްގެން ދަތުރުފަތުރުގެ ނިޒާމު ސަރުކާރުން ފެށީ އެ ބޭނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.

"ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް އެގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާނަމަ އެގައުމެއް ކުރިއަކަށް ނުދާނެ. މިއަދު މި ފެއްޓޭ މިވަރުގަދަ ނިޒާމުގެ ތެރެއިން ރާއްޖެއަށް ހަމަގައިމުވެސް ތަރައްގީ ގެނުވާނެ. މި ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ތަރައްގީ އާއި ތަމައްދުން ރާއްޖެއަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

ނަހްލާ ވިދާޅުވީ ފެރީ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅާލާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި އަވަހަށް އެމީހެއްގެ ރަށަށް ފަސޭހަކަމާ އެކު ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށެވެ. ސަރުކާރުން މިފެށި ފެރީ ނިޒާމަކީ އެކަންކަން ހާސިލްކުރަން އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރަކީ ޓްރާންސްޕޯޓް ޕޮލިސީއަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދީގެން ގާތުން ބައްލަވަމުން ކުރިއަށް ގެންދަން ބޭނުންވާ ސަރުކާރެއް،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހްލާ އިތުރަށް ވިދާޅުވީ ރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށްވާތީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމާ އެކު ރައްޔިތުންނަށް ވަރަށް ގިނަ ކަންކަމުގައި ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ. އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުން ބޭނުންވާނަމަ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް ހިދުމަތް ކުރިއަށް ގެންދިއުން ކޮންމެހެން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.