ބޮލީވުޑް

ކައިވެނި ކުރިކަމެއް އިހްސާސެއް ނުވޭ: ރަންބީރު

ރަންބީރު ކަޕޫރާއި އާލިއާ ބަޓް މިއަހަރުގެ އެޕްރީލް 14 ވަނަ ދުވަހު ވަނީ ކައިވެނިކޮށްފަ އެވެ. ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މި ދެ އެކްޓަރުން ކައިވެނި ކޮށްފައި ވަނީ ފަސް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގަ އެވެ.

މި ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު ވަރަށް ކުލަ ގަދަކޮށް ބާއްވާފައި ވިޔަސް އަދިވެސް އެމީހުންނަށް ކައިވެނި ކޮށްފައިވާ ކަމުގެ އިހްސާސެއް ނުވާ ކަމަށް ރަންބީރު ދާދިފަހުން ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ. ސަބަބެއް ކަމަށް އޭނާ ބުނީ އެ ދެ މީހުންގެ ދިރިއުޅުމުން އެއްވެސް ކަމެއް ބަދަލު ނުވާތީ އެވެ. މީގެ ފަސް އަހަރު ކުރިއްސުރެ އެމީހުން ދިރިއުޅެމުން އައި ގޮތަށް މިހާރު ވެސް ދިރިއުޅެމުންދާތީ އެވެ.

"ކައިވެނި ކުރިޔޭ ކިޔާފައި އަހަރެމެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ނާދޭ. ސަބަބަކީ އަހަރެމެން އެކުގައި އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާތީ. އަހަރެމެން ހިތަށް އެރީ ކައިވެންޏަކީ ވެސް ކުރަން ޖެހޭ އެއްޗެކޭ އެކަން ވެސް ކުރަންވީއޭ. އެހެން ހިތަށް އަރާ ކައިވެނި ކުރީ. ކައިވެނި ކުރިއިރު ވެސް އަހަރެމެން ދެމީހުން ސޮއިކޮށްފައިވާ ވަރަށް ގިނަ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަން އޮތް. އެހެންވެ ކައިވެނި ކުރި ދުވަސް ނޫން އަނެއް ދުވަހު ދެ މީހުން މުޅިން ދެ ތަނަކަށް ފުރައިގެން ދިޔައީ. އާލިއާ ދިޔައީ ޝޫޓިންގަށް އެހެން ރަށަކަށް. އަހަރެން ދިޔައީ މަނާލީ އަށް. އޭގެ ފަހުން އާލިއާ ލަންޑަނަށް ފުރައިގެން ގޮސްފައި އެނބުރި އައިއިރު "ޝަމްޝޭރާ" ގެ މަސައްކަތުގައި އަހަރެން ބިޒީ ވެއްޖެ. އެންމެ ހަފުތާއެއްގެ ޗުއްޓީ ލިބޭތޯ ވެސް އަހަރެމެން ދެ މީހުން އެބަ ވަރަށް މަސައްކަތް ކުރަން. އެކަމަކު އަދި އެކަން ވާގޮތެއް ނުވޭ. އެހެންވެ މި ބުނީ ކައިވެނި ކޮށްފައިވާކަމުގެ އިހްސާސެއް ނުވެޔޭ،" ރަންބީރު ބުންޏެވެ.

އާލިއާ މިހާރު ގެންދަނީ އޭނާގެ ހޮލީވުޑް ފުރަތަމަ ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޝޫޓިން އެ ފިލްމުގައި ބައިވެރިވާ ހޮލީވުޑް ތަރިން ކަމަށްވާ ގަލް ގެޑޮޓް އާއި ޖެމީ ޑޯނަން އާއެކު ތަމްރީނު ފުރިހަމަ ކުރަމުންނެވެ. އެހެންވެ ރަންބީރު ވެސް ހޮލީވުޑް ފިލްމު ކުޅުމުގެ ހުވަފެން ދެކެންތޯ ނޫސްވެރިއަކު އޭނާ ސުވާލު ކުރި އެވެ.

ޖަވާބުގައި ރަންބީރު ބުނީ އޭނާ ހޮލީވުޑް ފިލްމު ކުޅުމުގެ ހުވަފެން ނުދެކޭ ކަމަށެވެ. އޭނާއަށް މިހާރު އަބަދުވެސް ފެންނަނީ "ބްރަހްމަޝްތުރާ"ގެ ހުވަފެން ކަމަށެވެ. އަދި އަންހެނުން އާލިއާ ވަރުގެ ހުވަފެންތައް ދެކޭ އަދި ކާމިޔާބު މީހަކު ހަޔާތުގައި ދުވަހަކު ވެސް ފެނިފައި ނެތްކަމަށް ރަންބީރު ބުންޏެވެ.