ޖަޕާން

އިންސާނީ ވަސީލަތް ތަރައްގީކުރަން ޖަޕާނުން އެހީ ދީފި

Jun 14, 2022
1

އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާއިން ތައުލީމު ހާސިލްކުރުމަށް ރާއްޖެ އެހީ ދިނުމަށް ޖަޕާނު ސަރުކާރުން ނިންމައިފި އެވެ.

ދެ ސަރުކާރުގެ ދެމެދުގައި 2020 ވަނަ އަހަރު ސޮއިކޮށްފައިވާ "ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް އެހީގެ ގޮތުގައި 865،000 ޑޮލަރު ދިނުމަށް ވަނީ ނިންމާފަ އެވެ.

މިއެހީގެ އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު ތަކެއުޗި މިދޮރި އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ.

މިއީ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕްގެ ދަށުން ޖަޕާން ސަރުކާރުން ރާއްޖެއަށް އެހީދޭ ތިންވަނަ ފަހަރެވެ.

މިފަހަރުގެ އެހީގެ ދަށުން ސޯޝަލް ސައިންސަސްގެ ދާއިރާތަކުން ހަ މީހަކަށް މާސްޓާސް ޑިގްރީއަށް ޖަޕާންގައި ކިޔެވުމަށް ހުރިހާ ހަރަދެއް ކުރާނީ ޖަޕާން ސަރުކާރުންނެވެ. މިސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވަނީ ޖަޕާންގައި ހުރި އެންމެ ރަނގަޅު ޔުނިވަސިޓީތަކުގަ އެވެ.

ޖަޕާންގެ މިއެހީގެ ދަށުން ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ ތައުލީމީ ގާބިލް މީހުން ބިނާކުރަން ފުރުސަތު ލިބޭ ކަމަށް ސަރުކާރުން ބުނެ އެވެ.

ޖަޕާނަކީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް އެކި ދާއިރާތަކުން ރާއްޖެއަށް އަބަދުވެސް ދީލަތި އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.