ސްޓެލްކޯ

ސްޓެލްކޯގެ ޗެއާމަނަކަށް އިބްރާހިމް ދީދީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާމަންކަމުގެ މަގާމަށް، ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ އައްޔަން ކުރައްވައިފި އެވެ.

ޕީބީސީ އިން މިއަދު ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާމަންކަމުގެ މަގާމަށް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ އައްޔަން ކޮށްފައިވާ ކަމަށެވެ.

އިބްރާހިމްދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެކެވެ. ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. މިދިޔަ ދައުރުގައި މަޖިލީސް މެންބަރުކަން ކުރެއްވީވެސް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.

ނޮވެންބަރު 3، 88 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އިބްރާހިމްދީދީއަކީ އަސްކަރީ ހިދުމަތުގެ ފަހުރުވެރި ތާރީހެއް އޮތް ބޭފުޅެކެވެ. 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީއިރު އޭނާ ހުންނެވީ މާލެ އޭރިޔާގެ ވެރިއެއްގެ ގޮތުގައެވެ.

ދާދި ފަހުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވަނީ އައްޔަން ކުރައްވާފައެވެ. ޝަރީފްގެ ކުރީން އެ މަގާމުގައި ހުންނެވީ ހަސަން މުޣުނީ އެވެ. މުޣުނީ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. މުޣުނީ މިހާރު ހުންނެވީ އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.