މުހައްމަދު އަސްލަމް

345 މަޝްރޫއު ހިނގަމުންދޭ: އަސްލަމް

Jun 15, 2022
1

ރާއްޖޭގެ އެކި ހިސާބުތަކުގައި މިވަގުތު 345 މަޝްރޫއު ހިނގަމުންދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ 345 މަޝްރުއެއްގެ އަމަލީ މަސައްކަތް ހިނގަމުންދާއިރު 77 މަޝްރޫއެއްގެ ޕްލޭނިން މަސައްކަތް ނިމިފައިވާ ކަމަށެވެ.

ވަކިވަކި މަޝްރޫއުތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ބަނދަރާއި ފާލަން ހެދުމުގެ 35 މަޝްރޫއު ނިމިފައިވާއިރު 42 ރަށުގައި އެފަދަ މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ. އަދި ބަނދަރާއި ފާލަން ހެދުމުގެ 12 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާތީ ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެފަދަ 18 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިވާއިރު އަށް މަޝްރޫއެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި 23 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ 21 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ހިނގަމުންދާއިރު ތިން ރަށެއްގެ މަގު ހެދުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާތީ އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހަތަރު ރަށެއްގެ މަސައްކަތް ކުރިއަށްދާއިރު ހަރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އިތުރު 10 ރަށެއްގެ ބިން ހިއްކުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ. މިފަދަ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފެނާއި ނަރުދަމާގެ 130 އަށް ވުރެ ގިނަ މަޝްރޫއު ކޮންޓްރެކްޓަރުންނާ ހަވާލުކޮށް މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ.