ރައްޔިތުންގެ މަޖިލިސް

އެސްޖީގެ މައްސަލައިގައި ސީއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަނީ

Jun 15, 2022
1

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. މަރިޔަމް ޝަހުނީޒާ ނަސީރާ ގުޅޭ ގޮތުން އެ ކޮމިޝަންގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ސީއެސްސީގެ މުވައްޒަފުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ސީއެސްސީގެ މެންބަރުން ކޮމިޓީ އަށް ހާޒިރުކުރަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމެއްގައި ހުށަހެޅުއްވީ އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އެވެ.

މިހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ހުޝާމް ތާއީދުކުރެއްވުމުން ސީއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ނިންމާފަ އެވެ.

ސީއެސްސީގެ މެންބަރުން ކޮމިޓީ އަށް ހާޒިރުުކުރަން ނިންމީ އަންނަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް ވަކި ދުވަހެއް ނުނިންމަ އެވެ.

ސީއެސްސީގެ މުވައްޒަފުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި ކޮމިޝަންގެ މެންބަރުން މުވައްޒަފުންނާ ބޭއަދަބީ ބަހުން ވާހަކަދައްކާ މައްސަލައާއި އިދާރީ ގޮތުން ހުރި މައްސަލަތަކާއި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ތަފާތުކުރުން ގެންގުޅޭ މައްސަލަ ފާހަގަކޮށްފައިވެ އެވެ. އެކަންކަމުގައި ކޮމިޝަންގެ އިދާރީ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތު ސީއެސްސީގެ ސެކްރެޓަރީ ޖެނަރަލް ޝަހުނީޒާގެ ފަރާތުން އެއްބާރުލުން ނުލިބޭ މައްސަލަ މުވައްޒަފުން ފާހަގަކޮށްފައިވެ އެވެ.

ސިވިލް ސާވިސް ކޮމިޝަންގައި ގިނަ މައްސަލަތަކެއް ހުރި ނަމަވެސް މުވައްޒަފުން އެ ވާހަކަތައް ދެއްކުމުގައި ފަސްޖެހެނީ ވަޒީފާގެ ބިރަށް ކަމަށްވެސް ބުނެފައިވެ އެވެ.