ބޮލީވުޑް

ސަންޖޭ ދަތުގެ ބަޔޮޕިކްއިން ހުށަހެޅުމެއް ނުލިބޭ: ކަންގަނާ

Jan 4, 2016

ޖަލަށްލާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުން ހުށަހެޅުމެއް ނުލިބޭ ކަމަށް ބަތަލާ ކަންގަނާ ބުނެފި އެވެ.

މިފިލްމުން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގުކުރަމުން ކަންގަނާ ވަނީ މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ "ރަންގޫން" ގެ މަންޒަރުތައް ނެގުމުގައި އޭނާ ބުރަކޮށް އުޅެން ޖެހުމުން އިތުރު ފިލްމަކަށް ފުރުސަތެއް ދެވެން ނެތް ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން ރާޖޫ ސާރގެ ގަދަރު ކުޑަވާނެ އެއްވެސް ވާހަކައެއް ދައްކާކަށް. ހަގީގަތަކީ މިފިލްމުން ހުށަހެޅުމެއް އަހަންނަށް ނުލިބޭ ކަން. އެހެންނޫނަސް "ރަންގޫން"ގެ މަސައްކަތުގައި އަހަރެން މިއުޅެނީ ވަރަށް ބިޒީކޮށް" ކަންގަނާ ބުނެފައިވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ މިފިލްމުގައި ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯން އާއެކު ކަންގަނާ ފެނިގެންދާނެ ކަމުގެ އަޑުތަކެއް ފެތުރިފަ އެވެ.

"ކްއީން" އިން ނޭޝަނަލް އެވޯޑް ލިބިފައިވާ ކަންގަނާ އަށް މިއަހަރަކީ ވަރަށް ބުރަ އަހަރެކެވެ. "ރަންގޫން"ގެ އިތުރުން ވެސް އިތުރު ހަތަރު ފިލްމެއްގެ މަސައްކަތްކުރާނެ އެވެ. އެއީ ހަންސަލް މެހްތާގެ "ސިމްރަން" އާއި ކޭތަން މެހެތާގެ "ލަކްޝްމީ ބާއި" އާއި ބޮސްކޯގެ "ސާކަސް"ގެ އިތުރުން ޝޭކަރް ކަޕޫރުގެ "އަމްރިތާ" އެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް ފިލްމު އުފައްދާ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ ވަނީ މި މާޗް މަހުގެ ތެރޭގައި ސަްޖޭ ޖަލުން މިނިވަން ވުމުން އެފިލްމުގެ އުފައްދަން ފަށާނެ ކަމަށް ބުނެފަ އެވެ.

މިފލްމުގައި ސަންޖޭގެ ރޯލުކުޅުމަށް ރަންބީރު މިހާރު އެއްބަސްވެފައިވާއިރު، އަދި އެއްވެސް ބަތަލާއަކު ހަމަޖައްސާފައެއް ނުވެ އެވެ.

މިފިލްމުގައި ސަންޖޭގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައްވެސް ފެނިގެންދާނެ ކަމަށާއ އެގޮތުން ސަންޖޭ ކޮށްފައިވާ ކައިވެނިތަކާއި އޭނާ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ވާހަކަތައްވެސް ހިމަނާނެ ކަމަށް ހިރާނީ ވަނީ ބުނެފަ އެވެ.