މޯލްޑިވިއަން

ބައިނަލްއަގްވާމީ ދަތުރުތަކުގައި މާސްކް އެޅުމަށް އިލްތިމާސްކޮށްފި

އިންޓަނޭޝަނަލް ދަތުރުތައް ކުރާ ފަސިންޖަރުން މާސްކް އަޅަން ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އިލްތިމާސްކޮށްފި އެވެ.

މޯލްޑިވިއަން އިން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ރާއްޖޭގައި ކޮވިޑް 19ގެ ކޭސްތައް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކް އެޅުމަށް އެޗްޕީއޭ އިން މިދިޔަ ހޯމަ ދުވަހު އެދިފައި ވަނިކޮށެވެ.

ގައުމީ އެއާލައިނުން މިއަދު ބުނީ އެ އެއާލައިންގައި ދަތުރުކުރާ ޕަސިންޖަރުން އިންޓަނޭޝަނަލް ދަތުރުތަކުގައި މާސްކް އަޅަން ޖެހޭނެ ކަމަށެވެ.'

އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ މާސްކް އެޅުމަށް އެޗްޕީއޭ އިން އިރުޝާދު ދޭތީވެ އެއާލައިންތަކުން ޕަސެންޖަރުން މާސްކް އެޅުމަށް އަންގަމުންދާ ކަމަށެވެ. ނަމަވެސް އެމްއޭސީއެލް އިން އަދި އެކަމަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު ޕަސިންޖަރުންނާ ސީދާކޮށް މުއާމަލާތު ކުރާ އެ ކުންފުނީގެ މުވައްޒަފުން މިހާރު މާސްކް އަޅަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗްގެ ހިދުމަތް ހޯދަން އެތަނަށް ޒިޔާރަތް ކުރާއިރު މާސްކް އެޅުމަށް އެ ހޮސްޕިޓަލުން ވެސް މިހާރު ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް 19ގެ ކޭސްތައް އިތުރުވެފައިވާއިރު ރާއްޖޭގައި އާންމުކޮށް މީހުންނަށް ދިމާވާ އާންމު ބަލިތައް ވެސް މިދުވަސްވަރު އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.