ދުނިޔެ

ޔަމަނުގައި ކާފިއު އިއުލާނު ކޮށްފި

ޔަމަނުގެ އަދަން ގައި އިއްޔެ ހަތިޔާރު އެޅި ގުރޫޕަކުން ދިން ހަމަލާތަކެއްގައި 17 މީހުން މަރުވުމާއި ގުޅިގެން އެސިޓީގައި ކާފިއު އިއުލާނުކޮށްފި އެވެ.

މި ކާފިއު އެގައުމުގެ ސަރުކާރުން އިއުލާނުކުރީ އިއްޔެ ދިން ހަމަލާތަކުގައި ސިފައިންގެ ނުވަ މީހަކުވެސް މަރުވެފައި ވަނިކޮށެވެ. މިކާފިއުގެ މުއްދަތަކީ މިރޭގެ 08:00 އިން ފެށިގެން ފަތިހު 05:00 އާއި ހަމައަށެވެ.

ޔަމަނުގެ ސެކިޔުރިޓީ ބަލަހައްޓާ އޮފިޝަލަކު ވިދާޅުވީ މިއީ ހައްދު ފަހަނައަޅާފައިވާ އައިސިސް ޖަމާއަތާއި ގުޅުން އޮންނަ ގުރޫޕަކުން ދިން ހަމަލާތަކެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އަދި މިހަމަލާތަކުގައި އިމާމެއް ކަމުގައިވާ ޝެއިޚް އަލީ އުސްމާންވެސް ވަނީ މަރާލާފައެވެ.

އޮފިޝަލް ވިދާޅުވީ އެގްރޫޕާއި ސަރުކާރުގެ ސިފައިންނާ ދެމެދު ގަޑިއިރުތަކެއް ވަންދެން ހަމަލާ ބަދަލުކުރެވުނު ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ހަތިޔާރު އެޅި ޖަމާއަތަކުން ވަނީ އަދަން އަށް ހަމަލާތަކެއް ދީފަ އެވެ. އެހަމަލާގައި މިލިޓަރީ ލީޑަރު އަހްމަދު އަލް އިދްރީސްވަނީ މަރުވެފަ އެވެ.

އަދަން އަކީ ޔަމަނުގެ ވަގުތީ ވެރިރަށް ކަމުގައި އެގައުމުގެ ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.