އެމްއެންޑީއެފް

ޖަޕާންގައި ބޭއްވި އަސްކަރީ ބައްދަލުވުމެއްގައި ރާއްޖެ ބައިވެރިވެއްޖެ

Jun 19, 2022

ޖަޕާނުގައި ކުރިއަށްދިޔަ "ޕެސިފިކް އެމްފިބިއަސް ލީޑާސް ސިމްޕޯޒިއަމް"ގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންފި އެވެ.

ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯ ފޯސަސް، ޕެސިފިކް އިން ގުޅިގެން މިމަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ ދެމެހެއްޓުމުގައި އެމްފިބިއަސް ފޯސްތަކުން އަދާކުރާ ދައުރުގެ މައްޗަށެވެ.

މިގޮތުން ދިމާވާ ބޮޑެތި ގުދުރަތީ ކާރިސާތަކާއި ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގައި އެއް ގައުމު އަނެއް ގައުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެ އެވެ. އަދި މެރިޓައިމް ޑޮމެއިންއަށް ހޭލުންތެރިކުރުމާއި، ދިމާވާ ގޮންޖެހުންތަކުގައި އޮޕަރޭޝަނަލް މާހައުލަށް އެމްފިބިއަސް ފޯސަސްތައް ބިނާކުރުމާއި، އެތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަބައެއްގެ އެއްބާރުލުން ހޯދައިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ދާއިރާތަކަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖޭގެ އިތުރުން ޖަޕާން، އެމެރިކާ، އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލީ، ފީޖީ، ފްރާންސް، އިންޑޮނޭޝިއާ، ނިއުޒީލަންޑް، ޕެރޫ، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮރެއާ، ސިންގަޕޫރު، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، އަދި ޓީމޯ ލެސްޓްގެ އަސްކަރީ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސިމްޕޯޒިއަމްގެ ހަވާސާގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް ވަނީ ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ޔޮޝީޑާ ޔޮޝިހައިޑާއި، ޔޫއެސް މެރިން ކޯ ފޯސަސް، ޕެސިފިކްގެ ކޮމާންޑާ ލެފްޓިނެންޓް ޖެނެރަލް ސްޓީވެން އާރް ރަޑައާ އެކު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖަޕާނަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް ހަސަން ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.