މޯލްޑިވިއަން

މޯލްޑިވިއަން ދަނީ ބަނގުރޫޓްވުމާ ދިމާލަށް: އަލީ ހުސައިން

ގައުމީ އެއާލައިން -- މޯލްޑިވިއަން -- ދަނީ ބަނގުރޫޓްވުމާއި ދިމާއަށް ކަމަށާ އެ ކުންފުނި ހިންގުމުގައި ސީރިއަސް މައްސަލައެއް އެބަހުރި ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ވިދާޅުވީ މޯލްޑިވިއަންއަށް މިފަހަރުވެސް ބޮޑު ގެއްލުމެއް ވުމާއި ގުޅިގެންނެވެ. އެ ކުންފުންޏަށް މި ފަހަރުވެސް 159 މިލިއަން ރުފިޔާގެ ގެއްލުން ވިއެވެ. އެކަމަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ މޯލްޑިވިއަން ދަނީ ބަނގުރޫޓްވުމާއި ދިމާއަށް ކަމަށެވެ. އަދި އެ ކުންފުންޏަކީ ފަތުުވެރި ކަމުގެ ފައިދާ ހޯދޭނެ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެކަން ނުކުރެވި އޮތީ ކުންފުނީގެ ހިންގުމުގައި ސީރިއަސް މައްސަލަތަކެއް ހުރުމުން ކަމަށެވެ.

"ގައުމީ އެއާލައިން މި އޮއް ދަނީ ބަނގުރޫޓްވުމާއި ދިމާއަށް. ފަތުރުވެރި ކަމުގެ ފައިދާ މޯލްޑިވިއަންއަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަތަކެއް ހުރުމުން،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީގެ މި ވާހަކަތަކަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވަނީ ޖަވާބު ދެއްވާފައެވެ. ހަމްދާން ވިދާޅުވީ ކޮވިޑްގެ ކުރީން މޯލްޑިވިއަންއަށް ފައިދާ ވި ކަމަށާ ދުނިޔޭގެ އެހެން ގިނަ އެއާލައިންތަކަށްވެސް ކޮވިޑްގެ ސަބަބުން މިދިޔަ ދެ އަހަރު ބޮޑު ގެއްލުން ވި ކަަމަށެވެ.

"މުވައްޒިފުންގެ ވަޒީފާ ދެމެހެއްޓުމަށާއި ގައުމީ އެއާލައިން އަށް ވި ގެއްލުން ކުޑަކުރަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން،"

ހަމްދާން ވިދާޅުވީ ކޮވިޑްގެ ސަބަބުން އޭރު ހިދުމަތް ދެމުން އައި ވަރަށް ގިނަ އެއާލައިންތައް ބަނގުރޫޓްވި ކަމަށެވެ. އަދި ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް މީހުން އުފުލުމާއި ބޭހާ އެހެނިހެން މުހިންމު ތަކެތި ރާއްޖެއަށް އުފުލައިދިނީ ގައުމީ އެއާލައިން ކަމަށް ވިދާޅުވިއެވެ.

"އައިލެންޑް އޭވިއޭޝަން ސާވިސަސް [މޯލްޑިވިއަން ހިންގާ ކުންފުނި] މިހާރު އެ ކަޑައްތު ކުރަނީ ރިކަވަރީ ފޭސް،" ހަމްދާން ވިދާޅުވިއެވެ.

ގައުމީ އެއާލައިން -- މޯލްޑިވިއަން - ގެ ހިންގުން ބޮއްސުލާފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ކުންފުނީގެ ހިދުމަތްތަކާމެދުވެސް އާންމުންގެ ޝަކުވާ ބޮޑެވެ. ކުންފުންޏަށް ލިބޭ ގެއްލުން ބޮޑުވުމުގައި ވެރީންގެ މުސާރަ ބޮޑު ކުރުމާއި އެހެނިހެން ހަރަދުތައް ބޮޑުވުން ބައެއް މީހުން ފާހަގަ ކުރެއެވެ.