ބިދޭސީން

ގަވައިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެންނަ ދެ ބިދޭސީން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން ދިޔަ ދެ ބިދޭސީއަކު މިއަދު ހައްޔަރުކޮށްފިއެވެ.

މިއަދު އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި ދެ ބިދޭސީން ހައްޔަރުކޮށްފައިވަނީ، އައްޑޫ ސިޓީ އާއި ވިލިމާލެއިންނެވެ. އެމީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

އިމިގްރޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ދެ ބިދޭސީން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކުގައެވެ. ދެ ބިދޭސީންގެ މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުންނަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށްވާނަމަ ފުލުހުންނަށް އެ މައްސަލަ ހުށަހަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫއިންނާއި ވިލިމާލެއިން ހައްޔަރުކުރި ދެ ބިދޭސީންގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނުފެންނަ ކަމަށް ފާހަގަވެއްޖެނަމަ އެ ދެ މީހުން ރާއްޖެއަށް ނާދެވޭނެ ގޮތަށް ޑީޕޯޓްކޮށްލާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.