ސްޓެލްކޯ

ސްޓެލްކޯއަށް ފުރާޅު ކުއްޔަށް ދީގެން ފައިސާ ހޯދިދާނެ

Jun 20, 2022

ގޭގެ ފުރާޅު ކުއްޔަށް ދީގެން ފައިސާ ހޯދުމުގެ ފުރުސަތު ސްޓެލްކޯ "އަވިހަކަތަ" ޕްރޮގްރާމުން ހުޅުވާލައިފި އެވެ.

އަވީގެ ހަކަތައިން ކަރަންޓު އުފައްދަން ސްޓެލްކޯއިން ފަށާފައިވާ "އަވިހަކަތަ" ޕްރޮގްރާމް މެދުވެރިކޮށް ގޭގެ ފުރާޅު އެ ކުންފުންޏަށް ކުއްޔަށް ދިނުމުން އެ ކުންފުނިން ސޯލާ ގްރިޑުތައް އެތަނެއްގައި ހަރުކޮށްދޭނެ އެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ ސްޓެލްކޯއިން އިޔާދަކުރަނުވި ހަކަތައިގެ ވިޔަފާރިއަށް ނުކުންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގެ ދަށުން ސްޓެލްކޯ އިން ފަށާފައިވާ "އަވިހަކަތަ" ޕްރޮގްރާމުގެ ދަށުން ގޭގެ ފުރާޅުގައި ސޯލާ ޕެނަލްތައް ހަރު ކުރެވޭނީ ގޭގެ ވެރިފަރާތުގެ ހުއްދަ އޮވެގެންނެވެ. އަދި އެ ފުރާޅަކީ ފަސޭހައިން އަވި ލިބޭ ތަނަކަށްވެސް ވެގެންނެވެ.

މީގެ އިތުރުން ފުރާޅުގައި 100 އަކަފޫޓު ހުންނަން ޖެހެ އެވެ. އަދި އެތަނުގައި 150 ކިލޯ ބަރުދަން އުފުލުމުގެ ބާރު ހުރުން ލާޒިމް ކުރެ އެވެ.

އަވިކަހަތަ ޕްރޮގްރާމުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ސްޓެލްކޯއިންނެވެ. މި ޕްރޮގްރާމަށް އަންނަ މަހު ފުރުސަތު ހުޅުވާލާއިރު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހާއްސަކޮށްފައިވާ ފޯމު ފުރުމަށް ފަހު ސްޓެލްކޯގެ އޮފީހަށް ނުވަތަ [email protected] އަށް މެއިލް ކުރެވޭނެ އެވެ.