ރައީސް މުހައްމަދު ނަޝީދު

ހަރަދު ކުޑަކުރަން ވެގެން ނަޝީދު ދެ ދަތުރުފުޅެއް ކެންސަލް ކުރައްވައިފި

Jun 21, 2022
2

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދެ ދަތުރުފުޅެއް ކެންސަލްކޮށްފި އެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ދެއްކެވި ވާހަަކަފުޅުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަރަދު ކުޑަކުރަން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ ސާކިއުލާއަށް މަޖިލީހުންވެސް އަމަލުކުރަން އަންގާފައިވާ ކަމަށެވެ.

ސާކިއުލާގައިވާ ގޮތަށް އަމަލުކުރައްވާނެ ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮމަންވެލްތާއި އުޒްބަކިސްތާނަށް ވަޑައިގަތުމަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ހަރަދު ކުޑަކުރުމުގެ ގޮތުން އެ ދެ ދަތުރު ކެންސަލް ކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު އަޅުގަނޑު ކެންސަލް ކޮށްލަން. އެއީ ސާކިއުލާގައިވަނީ 5،000 ރުފިޔާއަށް ވުރެ މަތީ ހަރަދެއް ނުކުރާން. އެހެންވެ ކޮޅުނބާ ހަމައަށް ދެވެން މި އޮތީ،" ނަޝީދު ވިދާޅުވި އެވެ.

މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކަށް ފޮނުއްވި އެންގުމުގައި ބުނެފައިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށާ ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދައުލަތުން ކުރަން ޖެހޭ ހޭދަ އިތުރުވެފައިވާ ކަމަށެވެ. ދައުލަތުގެ ހޭދަ މަތިވުމުގެ އެއް ސަބަބަކީ ތެލުގެ އަގު ބޮޑުވުން ކަމަށްވެސް ބުނެފައިވެއެވެ. އެކަމުގެ ސަބަބުން މުދަލާއި ހިދުމަތްތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ދައުލަތުގެ ހޭދަ އިތުރުވެފައިވާ ކަމަށެވެ.

އެހެން ކަމުން ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވެއެވެ. އެ ގޮތުން މުވައްޒިފުންގެ ޕްރޮމޯޝަންތައް މެދުކަނޑާލުމަށާއި ރަސްމީ ގަޑީގެ އިތުރުން އެހެން ގަޑީގައި ކޮންމެހެން ކުރުވަން ޖެހޭ މަސައްކަތެއް ނޫނީ ނުކުރުމަށެވެ. އަދި ދައުލަތުން ހަރަދު ކުރަން ޖެހޭ ގޮތަށް މުވައްޒިފުންނަށް ދޭ ސްކޮލާޝިޕްތައް މިވަގުތު ނުފެށުމަށާއި ހިދުމަތް ހޯދުމުގައި ކޮންމެހެން ހޯދަން ޖެހޭ ހިދުމަތެއް ނޫނީ ނު ހޯދުމަށެވެ.

މީގެ އިތުރުން މަރާމާތުގެ މަސައްކަތްތައްވެސް މަޑު ޖައްސާލުމަށް އެދިފައިވެއެވެ. އަދި އޮފީސްތަކުން ކުރާ ކަމަކަށް 5،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހަރަދުވާނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް ފަހު ނޫނީ ނުކުރުމަށާ އެފަދަ އިން ކުރާ ކަމެއްވެސް އެއީ ކޮންމެހެން ކުރަން ނުޖެހޭ ކަމެއް ނަމަ ނުކުރުމަށެވެ.