ބޮލީވުޑް

ޝާހްރުކްގެ "ދިލްވާލޭ" ޖޫހީ ނުބެލީ ފިލްމު ހަޑިކަމަށް ބުނުމުން

Jan 5, 2016

ބައެއް މީހުންނަކީ އެފިލްމެއްގައި އުޅޭ ތަރިންގެ ސަބަބުން އެފިލްމެއް ރީތިވެދާނެ ކަމަށް ފިލްމު ބަލަން ސިނަމާއަށް ވަންނަ މީހުންނެވެ. އަނެއްބައި މީހުންނަކީ ފިލްމެއް ރިލީޒްވުމަށްފަހު ފިލްމުގެ ރިވިއު އާއި ފިލްމާއި މެދު ފާޑުކިޔާފަރާތްތަކުން ކިޔާ ފާޑުކިޔުންތަކަށް ބަލައިގެނ ފިލްމު ބަލާ މީހުންނެވެ.

މިދޔަ އަހަރުގެ ޑިސެމްބަރުގެ ފަހުކޮޅު ރިލީޒްވި ކާޖޮލް އާއި ޝާހްރުކް ޚާންގެ "ދިލްވާލޭ" އަށް އިންތިހާއަށް ފާޑުކިޔާފައިވީ ނަމަވެސް މިފިލްމު ބަލަން އެތައް ބަޔަކު ވަނީ ސިނަމާތަކަށް ވަދެފަ އެވެ.

ފިލްމާއި ގުޅޭގޮތުން ފާޑުކިޔާފަރާތްތަކުން ފާޑުކިޔާފައިވީ ނަމަވެސް ބެލުންތެރިންގެ ޖާދޫގައި މިފިލްމު ރަނގަޅަށް ވެސް ޖެހިފައިވާއިރު، މިފިލްމުގެ ޖާދޫގައު ނުޖެހުނު މީހަކު އެބަހުއްޓެވެ.

ޝާހްރުކް އާއެކު "ޔެސް ބޮސް" އާއި "ރާޖޫ ބަންގަޔާ ޖެންޓްލްމެން" އަދި "ޑަރް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ބަތަލާ ޖޫހީ ޗާވްލާ ވަނީ "ދިލްވާލޭ" އާއި ބެހޭގޮތުން އެއްވެސް ވަރަކަށް ރަނގަޅު ވާހަކަ ދައްކާފައިނުވާތީ އޭނަ އެފިލްމު ނުބަލާ ދޫކޮށްލާފައިވާ ކަމަށެވެ.

ޝާހްރުކްގެ ގާތް އެކުވެރިއެއް ކަމަށްވާ ޖޫހީ ބުނެފައިވާ ގޮތުގައި "ދިލްވާލޭ" އާއި ބެހޭގޮތުން އެއްވެސް ރަނގަޅު ވާހަކައެއް އަޑުއިވިފައި ނުވުމުން އޭނާ އެފިލްމު ނުބަލާ ކަމަށެވެ. އެކަމަކު އޭނާ ނުބެލިޔަސް އެކަމުން ފިލްމަށް ކުރާނެ ވަކި އަސަރެއް ނޯންނާނެ ކަމަށް ޖޫހީ ވަނީ ބުނެފަ އެވެ.

ޝާހްރުކްގެ އެންމެފަހުގެ ފިލްމު ޖޫހީ އަށް ކަމުނުދިޔަ ނަމަވެސް އޭނާ ވަނީ ފުރުސަތެއް ލިބިއްޖެނަމަ މިހާރު ވެސް ޝާހްރުކާއެކު ފިލްމެއް ކުޅެން އޭނަ ތައްޔާރުކަމަށެވެ. ޝާހްރުކްގެ އިތުރުން ޖޫހީ ބޮލީވުޑަށް ތައަރާފުވި ފިލްމުގައި އޭނާގެ ބަތަލުުގެ ރޯލު ކުޅުނު އާމިރް ޚާންއާއެކު ވެސް ފިލްމެއް ކުޅެން ބޭނުންވާ ކަމަށް ޖޫހީ ވަނީ ބުނެފަ އެވެ.

"އަހަރެންގެ ފިލްމީ ކެރިއަރު މިހާ ހިސާބަށް އައީ އާމިރް އާއި ޝާހްރުކްއާ ހެދި. މިދެތަރިންނާއެކު އަދިވެސް މަސައްކަތްކުރަން ބޭނުންވޭ" ޖޫހީ ބުނެފައިވެ އެވެ.

އާމިރް އާއި ޝާހްރުކާއެކު ފިލްމު ކުޅެން އަދިވެސް ބޭނުންވާ ކަމަށް ބުނަމުން ޖޫހީ ވަނީ މިހާތަނަށް ވެސް އޭނާއަށް ސަލްމާން ޚާނާއެކު ފިލްމުކުޅެން ފުރުސަތެއް ނުލިބޭ ކަމަށާއި އެހެންކަމުން ތިން ޚާނުންގެ ތެރެއިން އެންމެ ފުރަތަމަ ބޭނުންވަނީ ސަލްމާނާއެކު ފިލްމު ކުޅެން ކަމަށެވެ.

ޖޫހީ ދެން އެެންމެ އަވަހަށް ފެނިގެންދަނީ މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ "ޗޯލްކް އެންޑް ޑަސްޓާ" އިންނެވެ. މިފިލްމުގައި ޖޫހީގެ އިތުރުން ޝަބާނާ އާޒްމީ އާއި ދިވްޔާ ދައްތާ ފެނިގެންދާނެ އެވެ.