ކެބިނެޓް

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ބެލުމަށް ވަޒީރުންގެ ކޮމިޓީއެއް

Jun 21, 2022
4

މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގެން ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުންދީ ހިންގި ކަންކަން ވަޒީރުންގެ މަޖިލީހުން ކުށްވެރިކުރައްވައިފި އެވެ.

މިކަން ކުށްވެރިކުރައްވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފަ އެވެ.

މީގެ އިތުރުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މި އަމަލު ހިންގި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް ވެސް އެކުލަވާލައްވާފަ އެވެ.

ސަބްކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަޒީރުން

  • އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
  • އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
  • ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ
  • އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
  • ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން
  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފް

ގަލޮޅު ދަނޑަށް ވަދެ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. މި ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގެންގުުޅުނު އާލަތްތައް ފޯރުކޮށްދިނީ އިދިކޮޅު ޕީޕީއެމް އިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއަދުގެ ހަމަނުޖެހުމުގައި އެއްވެސް ސިޔާސީ ޕާޓީއަކުން ބައިވެރިވިކަން ފުލުހުން ތަހުގީގަށް ސާބިތުވެއްޖެނަމަ އެ ޕާޓީއަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.