މޯލްޑިވްސް ޕޮލިސް ސާވިސް

ދީނަށް ފުރައްސާރަކުރި މީހާ ފުރައިފި، މައްސަލަ ބަލަނީ

އުންމަތުގެ ނަބިއްޔާ އަދި ރަސޫލާ صلى الله عليه وسلم އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނުގެ ހުކުމްތަކަށް ގޮންޖަހާ ސޯޝަލް މީޑިއާގައި ލިޔަމުންދިޔަ މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ރަސޫލާ صلى الله عليه وسلم އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނުގެ ހުކުމްތަކަށް ގޮންޖަހާ ސޯޝަލް މީޑިއާގައި ލިޔަމުންދިޔަ މައްސަލަ އާންމުން ސަމާލު ކަމަށް ގެނެސްފައިވާތާ ދެތީން ހަތަރު ދުވަސް ވެއްޖެ އެވެ. އެ މައްސަލާގައި މިހާތަނަށް ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އާންމުން ވަނީ ޓްވިޓާ އެކައުންޓް ބޭނުން ކޮށްގެން ރަސޫލާ صلى الله عليه وسلم އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދީނުގެ ހުކުމްތަކަށް ގޮންޖަހާ ސޯޝަލް މީޑިއާގައި ލިޔަމުންދިޔަ މީހާއަކީ ކާކުކަން ފަޅާ އަރުވާލާފައެވެ. އޭނާ ކުރީން އެ އެކައުންޓް ބޭނުން ކުރީ އަމިއްލަ ނަމުގައެވެ. ދައުލަތުގެ އިދާރާތަކާ އޭނާ އެ އެކައުންޓުން މުއާމަލާތްވެސް ކޮށްފައިވެއެވެ. އޭނާ ނިސްބަތްވާ ރަށާއި އުމުރާއި މިހާރު މަސައްކަތް ކުރާ ތަނުގެ މައުލޫމާތުވެސް ހޯދާ އާންމުކުރި އެވެ.

އެ މައްސަލާގައި އެއްްވެސް އެއްޗެއް ނުބުނެ ހުރުމަށް ފަހު މީޑިއާއަށް މިއަދު މައުލޫމާތު ދެމުން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ރަސޫލާ صلى الله عليه وسلم އަށް ބަދުބަސް ބުނެ ފުރައްސާރަ ކުރި މައްސަލައިގެ ތަހުގީގުގައި ކުރަން ޖެހޭ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ކުރަމުންނެވެ. މި މައްސަލަ މި މަހުގެ ނުވަ ވަނަ ދުވަހު ފުލުހަށް ހުށައަޅާފައިވާ ކަމަށްވެސް ފަހުން ބުންޏެވެ. ނަމަވެސް މި މައްސަލައިގެ މައުލޫމާތު ހާމަކުރަން މިހާ ގިނަ ދުވަސް ހޭދަވީ ސަބަބެއް ނުބުނެއެވެ.

ފުލުހުން މި މައްސަލާގައި ވާހަކަ ދައްކާފައި މިވަނީ ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ހަރުކަށި މީހާ ރާއްޖެއިން ފުރައިގެން ގޮސްފައިވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ދިޔައީ ލަންކާއަށެވެ.