އޮބިޗުއަރީ

ވިޔަފާރިވެރިޔާ މޮހައްމައިދީ އަވަހާރަވެއްޖެ

Jun 22, 2022

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު ހިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު މާހިރު ދީދީ (ކޮލިގޭ މުހައްމައިދީ) އަވަހާރަވެއްޖެ އެވެ.

މިއަދުގެ ވަގުތެއްގައި މޮހައްމައިދީ އަވަހާރަވީ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 68 އަހަރެވެ.

ވެލާނާގެ އަބްދުލްމަޖީދު މާހިރު އާއި ކޮލިގޭ ފާތިމަތު ނާސިރާގެ އެންމެ ދޮށީ ދަރިފުޅު -- މޮހައްމައިދީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި އެންޓަޕްރައިސަސްގެ ހިއްސާދާރެކެވެ.

މޮހައްމައިދީ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޮހައްމައިދީއަކީ ވިޔަފާރީގެ ދާއިރާ އިން ހާއްސަކޮށް ފަތުރުވެރިކަމުގެ ވިޔަފާރި ތަަރައްގީކޮށް ކުރިއެރުވުމަށް އަގުނުކުރެވޭ ފަދަ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދެބެންގެދެދަރި ބޭފުޅެއް ކަމަށްވާ މޮހައްމައިދީއަކީ ލަންކާގެ ޓްރިނިޓީ ކޮލެޖުން ކިޔަވާ ވިދާޅުވެ އެ ގައުމުގައި ވަރަށް މޮޅަށް ރަގްބީ ކުޅުއްވި ބޭފުޅެކެވެ. މޮހައްމައިދީ ވަނީ ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

މޮހައްމައިދީ އަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލްގެ އެއްބަފާ ބޭބެ އެވެ. އަދި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީންގެ އެއްބަނޑު ބޭބެ އެވެ.