މޯލްޑިވްސް ޕޮލިސް ސާވިސް

ޝައިހް ނިޝާންވެސް ހައްޔަރު ކޮށްފި

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްވެސް ހައްޔަރު ކޮށްފި އެވެ. އޭގެ ކުރީން ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މި ދެ ބޭފުޅުންނަކީވެސް އިއްޔެގެ އިހުތިޖާޖުގައި ބައިވެރިވި ބޭފުޅެކެވެ. އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބުކޮށްވެސް ޝައިހް ވާހަކަ ދެއްކެވިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި ޝައިހް ބައިވެރިނުވާ ކަމަށް އިހުތިޖާޖުގެ ބައިވެރީން ބުނެއެވެ.

ޝައިހް ނިޝާން ހައްޔަރު ކުރީ އޭނާ ދިރިއުޅުއްވާ ރެހެދި ފްލެޓް އިން ނިކުންނަވައިގެން ކައިރީ ހުރި ފުރުގާން މިސްކިތަށް ވަޑައިގަންނަވަނިކޮށެވެ. ފުލުހުންގެ ބޮޑު ޓީމަކުން ގޮސް ޝެއިހް ހައްޔަރު ކޮށްގެން ގެންގޮސްފައިވަނީ އިޝާ ނަމާދަށް އޭނާގެ ފަސް އަހަރަށްދާ ދަރިފުޅާއެކު ވަޑައިގަންނަވަނިކޮށެވެ.

ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ޝައިހް ނިޝާން ވިދާޅުވީ އިއްޔެ ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހިންދީ ދީނުގެ ޔޯގާގެ އިވެންޓާއި ދެކޮޅަށް އަޑުއުފުލަން ދާން ނިންމުމުން, އެކަން އެނގިގެން އެކަމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށާއި ޝަރުއީ ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ހަމަނުޖެހުން ހިންގައި ގޯހެއް ހަދާފާނެ ކަމަށް ބުނެ އެންމެ ފުރަތަމަ ނަސޭހަތްތެރިވީ އިލްމުވެރިންގެ ތެރޭގައި ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިން ހިމެނޭ ކަމަށެވެ.

އެޔާއި އެކުވެސް އެ ހަރަކާތާއި ދެކޮޅަށް އަޑު އުފުލައި ހައްގު ބަސް ބުނުމަށް ދާން ނިންމީ ޝިރުކުގެ ނުބައިކަމާއި ބޮޑު ކަމުންނާއި އަދި މިކަން އޭނާގެ އިރުޝާދުގެ ދަށުން ސުލްހަވެރިކޮށް ގެންދާނެ ކަމަށް ހަރަކާތް ރޭވި ޒުވާނުން ޔަގީންކަން ދިނުމުން ކަމަށެވެ.

އެހެން ނަމަވެސް މި ހަރަކާތުގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބަޔަކު ލޭކެކި ދެމުންދިޔަ އިރުޝާދާއި ހިލާފުވާން ފެށުމުން ނަސޭނަތްތެރިވެ އެމީހުންގެ ތެރެޔަށް ވަދެ ކޮންޓްރޯލްކޮށް ފަހަތަށް ޖައްސަން އެތައް މަސައްކަތެއް ކޮށްފައިވާނެ ކަމަށަވެސް ޝައިހް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެޒުވާނުން އެބަސް ގަބޫލުނުކޮށް ދަނޑަށް ވަންނަން ދިމާ ކުރުމުން އަޅުގަނޑުމެންވާނީ ވަގުތުން މި ހަރަކާތް ނިންމާލި ކަމަށް އިއުލާނުކޮށް އެތަން ދޫކޮށް ގޮސްފައެވެ. ކޮންމެއަކަސް އެވަގުތު އަޅުގަނޑަށް ފާހަގަ ކުރެވުނީ އެމީހުން ހުއްޓުވުމަށް ފުލުހުންވެސް މާބޮޑު މަސައްކަތްތަކެއް ނުކުރާ ކަމެވެ،"

ނިޝާން ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަދި މިހިސާބަށް މިކަންތައް ދިޔައީވެސް ޝިރުކުގެ މިބޮޑު މުންކަރާތް ހުއްޓުވުުގެ ޒިންމާ ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ބޮލުގައި އެޅިފައިވާ ފަރާތްތަކުން ދައުލަތުން އެކަން އިންތިޒާމްކޮށް ރަސްމީ ޢިއްޒަތާއި ޝަރަފުގައި އެކަން ކުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.