ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ބަޔަކު އިންޒާރު ދީފި އެވެ.
މަހްލޫފަށް އިންޒާރު ދީފައި މިވަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަހްލޫފަށް ދިން އިންޒާރުގައި ބުނެފައިވަނީ ޔޯގާ އަކީ ހަލާލު ކަމެއް ނޫން ކަމަށާއި އިންޑިއާގެ ޕަޕެޓަކަށް ވެގެން މަހްލޫފް ހަލާލް ކުރަނީ ބާތިލް ފިކުރެއް ކަމަށެވެ. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ ކަމަށާއި އަތުޖެހުމުން "ނޮޅާލީމުސް" ކަމަށް ބުނެފައިވެ އެވެ.
"މިއަދުވެސް ކަލޭ ދުވެ ފިލީ. އަހަރުން މިތިބީ ބަލަން. އަހަރުމެންގެ އަހަކަށް ނުވަތަ ޖަމިއްޔާ އަކަށް ފިޔަވަޅު އަޅާލިޔަސް ކަލެއާއި ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ،" މަހްލޫފް ކުރީގެ ނަންބަރަށް ފޮނުވާފައިވާ މެސެޖުގައިވެ އެވެ.
އިންޒާރުގެ މެސެޖަށް ރައްދު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ "ތިޔަކަހަލަ ކޮހެއްގެއަތުން މަރުވެއްޖެއްޔާ ޔަގީނުންވެސް އަޅުގަނޑު ވާނީ ޝަހީދަކަށް" ކަމަށެވެ.
މަހްލޫފް ވިދާޅުވީ މިނިސްޓަރު ކަމަކީ މާގަދަ ކަމެއްކަމަށް އިންޒާރު ދިން މީހާއަށް ގަބޫލުކުރެވުނު ނަމަވެސް މަގާމަކީ އޭނާއަށް އެއްވެސް މުހިއްމު ކަމެއް ނޫން ކަމަށެވެ.
"ބިރުދައްކައިގެން އެއްވެސް ނަތީޖާއެއް ހާސިލްނުވާނެ. މެސެޖު ތިކުރަނީ ކުރީގެ ނަންބަރަށް." މަހްލޫފް ވިދާޅުވެފައިވެ އެވެ.
ޔޯގާއާއި ގުޅިގެން ހިނގާދިޔަ ހަމަނުޖެހުންތަކުގައި ފުލުހުން މިހާތަނަށް ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.