މުހައްމަދު ނާޒިމް

ނާޒިމްގެ އިސްތިއުނާފުގެ ފަހު އަޑުއެހުން މިއަދު

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ ފަހު އަޑުއެހުން މިއަދަށް ތަވާލުކޮށްފި އެވެ. އަޑުއެހުން ތަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:15 އަށެވެ.

ހައިކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ މިއަދު އަޑުއެހުމުގައި އޮންނަނީ ދެ ފަރާތުގެ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވުމަށް ކޮންމެ ފަރާތަކަށް 20 މިނެޓްގެ ވަގުތެއް ދިނުމަށް ފަނޑިޔާރު ވަނީ ނިންމަވާފައެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ހައި ކޯޓުން ބަލައިގަތްފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ.

ނާޒިމްގެ މައްސަލައިގައި އެންމެފަހުން ބޭއްވި އަޑު އެހުމުގައި، ނާޒިމް މިނިސްޓަރުކަމުގައި ހުންނެވި ގެންގުޅުއްވި ދެ ޑްރައިވަރުންނާއި ދެ ސެކިއުރީޓީންގެ ހެކި ބަސް ވަނީ ނަގާފައެވެ. މީގެއިތުރުން ނާޒިމްގެ މައްސަލަ ތަހުގީގުކުރިއިރު ފިންގާ ޕްރިންޓް ރިޕޯޓް އެކުލަވާލި ސަބް އިންސްޕެކްޓަރު ހުޝާމަތު މުހައްމަދާއި އެސްއޯ ފުލުހުންގެ ޑިޕާޓްމެންޓް ހެޑް ޗީފް އިންސްޕެކްޓަރު އަހުމަދު މުސްލިމްގެ ހެކި ބަސް ވަނީ ނަގާފައެވެ.

ނާޒިމްގެ މައްސަލަގާއި ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައުފް އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.