ފަޒްނާ އަހުމަދު

އަމާޒަކީ ނަފްސާނީ ބަލިތައް އާސަންދައިގައި ހިމެނުން: ފަޒްނާ

Jun 23, 2022
1

ހަނގުރާމައާ ގުޅިގެން ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދިއުމާއި މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތަކަކީ މެދުކެނޑުމެއްނެތި ކަންބޮޑުވުމާއި މާޔޫސްކަން އުފެދޭ ކަންތައްތަކެއް ކަން ފާހަގަކުރައްވައި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވާހަކަފުޅު ދައްކަވައިފި އެވެ.

އެކަމަނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން -- ސީއެޗްއޯޖީއެމްގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިން މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވާ، ކެއާ އެންޑް ޓްރާންސްފޯމް"ގެ ނަމުގައި ކުރިއަށް ދިޔަ ހަރަކާތުގައި ދެއްވި ވާޗުއަލް ތަގުރީރުގަ އެވެ.

މިހަރަކާތަކީ ދިރިއުޅުމުގެ އެކި ފަންތިތަކުގެ މެދުގައި ހުރި ފަރަގުތަކާއި ތަފާތުކުރުންތައް ނައްތާލުމާއި އަތްފޯރާ ފަށުގައި ސިއްހީ ހިދުމަތްތައް ލިބުމަށް ބާރުއަޅައި ކޮމަންވެލްތުން ގެންގުޅޭ ސިޔާސަތަށް ބާރު ލިބޭގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މެޑަމް ފަޒްނާގެ ތަރީރުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވި އެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަރަގުތަކުގެ މައްޗަށް ބައްލަވާލައްވަމުން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި ދާއިރާއިން މީހުން ހޯދުމުގައި ހުރި ދަތިތަކާއި، ހިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ހިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭކަން ފަޒްނާ ފާހަގަކުރެއްވެވި އެވެ.

މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ގައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރެއްވެވި އެވެ. އެކަމަނާ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމުގަ އެވެ. ހަމަ އެހެންމެ އެކަމަނާ ވަނީ މި ސަރުކާރުން 2019 ވަނަ އަހަރުގެ މާރިޗު މަހު، އައިޖީއެމްއެޗްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކޮށްފައިވާ ކަންވެސް ފާހަގަކުރައްވާފަ އެވެ.

މެޑަމް ފަޒްނާ ވިދާޅުވީ ނަފްސާނީ ބަލިތަކާ ގުޅޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން މުހިއްމު ކަމަށާއި ނަފްސާނީ ބަލިތަކާމެދު ދެކޭ ނުރަނގަޅު ގޮތްތައް ބަދަލުކުރުން ބޭނުންތެރި ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ ސްކޫލްތަކާއި އެކި ތަންތަނުގައި ތިބޭ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ފަރުވާއާއި އެހީއަށް އެދޭ މިންވަރު އިތުރުވެ، އެމީހުންނަށް ފަރުވާ ލިބޭގޮތްވެ، އެފަދަ ފަރާތްތަކުގެ ދިރިއުޅުން ކުރިއަށް ގެންދިއުމަށް އެފަރާތްތަކަށް ދަސްވެގެން ދިއުމަށް މަގުފަހިވެގެން ދިއުން ކަމުގައި ވިދާޅުވި އެވެ. ހަމަ އެހެންމެ އެކަމަނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރުދަނާ އަހްލާގީ މިންގަޑެއް ހިފެހެއްޓުމުގެ މުހިންމުކަމާއި، މި ދާއިރާ އިތުރަށް ހުޅުވާލައި ފުރުސަތުތައް ފަހިކުރުމާއި، މި ދާއިރާއިން ދިރާސާކުރުން ފަދަ ނަފްސާނީ ބަލިތަކާ ގުޅޭ ހިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން މިމަހުގެ 20 އިން 25 އަށް ކުރިއަށް ދާނީ ރުވާންޑާގެ ކިގާލީ ގައެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މެޑަމް ފަޒްނާ ފުރާވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.