އައިލެންޑް އޭވިއޭޝަން

އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށަން ދިރާސާކުރަނީ

Jun 23, 2022

ބައިނަލްއަގްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

މޯލްޑިވިއަން ޗައިނާގެ ހަ މަންޒިލަކަށް ދަތުރުތައް ކުރަމުން ދަނިކޮށް ކޮވިޑް 19ގެ ބިރުވެރިކަން ދުނިޔެއަށް ކުރިމަތިވުމުން ޗައިނާގެ ބޯޑަރު ބަންދުކުރި ގޮތަށް އަދިވެސް އެ ގައުމުން ހުޅުވާލާފައި ނުވާތީ މޯލްޑިވިއަންގެ ޗައިނާ ދަތުރުތައް ވަނީ ހުއްޓިފަ އެވެ.

މިވަގުތު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުކުރާ ބައިނަލްއަގްވާމީ މަންޒިލްތަކަކީ އިންޑިއާ އަދި ބަންގްލަދޭޝް އެވެ.

އީދު ބަންދުތަކާ ދިމާކޮށް މޯލްޑިވިއަން އިން ގެންދަނީ މެލޭޝިއާ އަދި ތައިލޭންޑަށް ހާއްސަ ދަތުރުތައްވެސް ބާއްވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށްވެސް މެލޭޝިއާ އަދި ތައިލެންޑަށް ހާއްސަ ދަތުރުތަކެއް ފެށުމަށް ނިންމާ މިހާރު ދަނީ ޓިކެޓް ވިއްކަމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ބައިނަލްއަގްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް ދިރާސާތަކެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ދަތުރުތައް ފެށޭނެ ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

މޯލްޑިވިއަން އިން ދަނީ މިއަހަރުގެ ފަހުކޮޅު އެ ކުންފުނީގެ ފްލީޓަށް އޭޓީއާރް ތިން ބޯޓު ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އައިލެންޑު އޭވިއޭޝަންގެ ފްލީޓުގައި މިވަގުތު 22 މަތިންދާ ބޯޓު އޮތް އިރު މީގެތެރޭގައި ހިމެނެނީ 11 ސީޕްލޭން 11 އެއާކްރާފްޓެވެ.

އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރު ވަނީ 159 މިލިއަން ރުފިޔާގެ ގެއްލުންވެފަ އެވެ.