މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

އުސޫލާ ހިލާފަށް ރޯޑްވާދިނަސް ހަދައިދޭ ގަރާޖުތަކެއް އެބަހުރި: ނަހްލާ

Jun 23, 2022
2

ބައެއް ގަރާޖުތަކުން ރޯޑްވާދިނަސް ހަދައިދެނީ އުސޫލުތަކާއި ހިލާފަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ވިދާޅުވެއްޖެ އެވެ.

ނަހްލާ މިހެން ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނާއި ތަމްރީން ހެދުމުގެ މަސައްކަތްތައް މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިއަށްގެންދާ ގޮތަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ނަހްލާ އެވެ. ހަޔާ އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.

މިރަސްމިއްޔާތުގައި ނަހްލާ ވިދާޅުވީ ވެހިކަލްތަކުގެ ރޯޑްވާދިނަސް ހެދުމަށް ވަކި އުސޫލުތަކެއް ހަމަޖައްސާފައިވީ ނަމަވެސް ބައެއް ގަރާޖުތަކުން ރޯޑްވާދިނަސް ހެދުމުގައި އުސޫލާ އެއްގޮތަށް އަމަލުނުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެ މައްސަލައަށް ހައްލެއް ހޯދޭނީ ތަމްރީންވެފައިވާ ދިވެހިން ގަރާޖުތަކުގައި މަސައްކަތް ކޮށްގެން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. އިއްޔެ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެ މައްސަލަ ހައްލުކުރަން މީހުން ތަމްރީން ކުރުމަކީވެސް އަމާޒެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"ލައިންސަންސް ދިނުމުގެ މަސައްކަތް ޕޮލިޓެކްނީކާ ހަވާލުކުރެވިގެން ދިއުމަކީ ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު އެހީތެރިކަމެއް،" ނަހްލާ ވިދާޅުވި އެވެ.

މާލޭގައި ދުއްވާ ބައެއް ވެހިކަލްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނާ މިންގަނޑަށް ނުފެތޭ މައްސަލަ އަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާއެއް އޮންނަ މައްސަލަ އެކެވެ. ނަމަވެސް އެ މައްސަލައަށް ހައްލު ހޯދުމުގައި މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް އަދި ކުރެވިފައެއް ނުވެ އެވެ.