ޓޫރިސްޓް އެރައިވަލް

ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު ދަށަށް

Jun 25, 2022

ރާއްޖޭގައި ޓޫރިސްޓުން މަޑު ކުރާ މުއްދަތު -- ޑިއުރޭޝަން އޮފް ސްޓޭ -- ދަށްވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ޑިއުރޭޝަން އޮފް ސްޓޭ ދަނީ ދަށްވަމުންނެވެ.

މި އަހަރު ޓޫރިސްޓުން މަޑު ކުރި މުއްދަތު

  • ޖެނުއަރީ ނުވަ ދުވަސް
  • ފެބްރުއަރީ 8.6 ދުވަސް
  • މާޗް އަށް ދުވަސް
  • އެޕްރީލް 8.1 ދުވަސް
  • މެއި 7.1 ދުވަސް
  • މި މަހުގެ 22 ގެ ނިޔަލަށް 7.8 ދުވަސް
  • މުޅި އަހަރަށް 8.2 ދުވަސް

ތިބޭ މުއްދަތު މުހިންމުވީ ކީއްވެ؟

ޓޫރިސްޓުން ތިބޭ މުއްދަތަކީ "ޓޫރިސްޓުން ނަމްބަރަށް" ވުރެ މުހިންމު އެއްޗެކެވެ. ރާއްޖެ އަންނަ ޓޫރިސްޓުން ގިނަ ދުވަހު ރާއްޖޭގައި ތިބޭނަމަ އެ މީހުންގެ ފަރާތުން އާމްދަނީއަށް ލިބޭ އަދަދު މަތިވާނެ އެވެ. ހާއްސަކޮށް ޔޫރަޕް- ރަޝިއާ- ފަދަ ގައުމުތަކުން އަންނަ މީހުން ގިނަ ވެއްޖެނަމަ އެވްރެޖު ސްޓޭ މަތިވެ އެވެ. އެގޮތުން ޔޫރަޕު މީހުން އާއްމުކޮށް ހަފުތާއަކަށްވުރެ ގިނަ ދުވަހު ތިބެ އެވެ. ނަމަވެސް އެހެން ގައުމުތަކުގެ ހާއްސަކޮށް އިންޑިއާ މީހުންގެ ސްޓޭ އުޅޭނީ އެންމެ ގިނަ ވެގެން ވެސް ފަސް ދުވަހުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދުވެސް ދަށްވެފައިވާ ކަމަށް ދަަށްކަ އެވެ.

ޓޫރިޒަމްގެ "އޮފް" ސީޒަންގެ މި ދުވަސްވަރު ޑެއިލީ އެރައިވަލްސް އުޅެނީ 3,718 ގައެވެ. ނަމަވެސް މުޅި އަހަރަށް މި އަދަދު އުޅެނީ 4,532 ގައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 784,107 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ 58.4 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 494,924 ޓޫރިސްޓުންނެވެ.