ވިޔަފާރި

އިންޑިއާގައި "މޯލްޑިވިއަން" ޖޫރިމަނާކޮށްފި، ކޯޓުން ޖޫރިމަނާ ކުޑަކޮށްދީފި

ވިސާ ނެތް ހަތް ދިވެހިން އިންޑިއާގެ ޓްރެވެންޑްރަމަށް ގެންދިޔަ މައްސަލައިގައި އިންޑިއާގެ ހޯމް މިނިސްޓްރީން ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން ޖޫރިމަނާކުރި މައްސަލައަށް ކެރެލާގެ ހައިކޯޓުން ތާއިދުކޮށްފި އެވެ. އެހެން ނަމަވެސް އެ ޖޫރިމަނާ ވަނީ ކުޑަކޮށްދިފަ އެވެ.

ވިސާ ނެތް ހަތް ދިވެހިން އިންޑިއާއަށް ދެ ފަހަރެއްގެ މަތިން ގެންދިޔަ މައްސަލައިގައި މޯލްޑިވިއަން ޖޫރިމަނާކޮށްފައި ވަނީ އިންޑިއާގެ ހޯމް މިނިސްޓްރީންނެވެ. އެއީ ހަތް ލައްކަ ރުޕީސްއަށެވެ. އެއީ ކޮންމެ ޕަސެންޖަރަކަށް ލައްކައެއްގައި ރޭޓުންނެވެ.

ޖޫރިމަނާކުރި މައްސަލަ މޯލްޑިވިއަން އިން ވަނީ ކެރެލާގެ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފަ އެވެ. ކެރެލާގެ ހައިކޯޓަށް ހުށައެޅި އިސްތިއުނާފުގެ މައްސަލައިގައި މޯލްޑިވިއަން އިން ބުނެފައިވަނީ ވިސާއާއި ގުޅޭގޮތުން އިންޑިއާގެ ހޯމް މިނިސްޓްރީގެ ވެބްސައިޓުގައި ދީފައިވާ މައުލޫމާތުގެ ސަބަބުން އޮޅުން އަރާ ކަމަށެވެ. އަދި ގަވާއިދުގެ ކޮޕީއެއް މޯލްޑިވިއަންއަށް ފޯރުކޮށްދީފައިނުވާކަން ފާހަގަކޮށްފައިވެއެވެ. ކޮށްފައިވާ ޖޫރިމަނާ ބޮޑު ކަމަށް ވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

މައްސަލަ ނިމުނީ މޯލްޑިވިއަންއާ ދެކޮޅަށެވެ. ކެރެލާގެ ހައިކޯޓުން ވަނީ މޯލްޑިވިއަން ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ، ޖޫރިމަނާގެ އަދަދު ކުޑަކޮށްދީފައެެވެ. އެއީ 420،000 ރުޕީސްއަށެވެ.