ބޮލީވުޑް

"ފިތޫރް": އުނދަގޫ ލޯތްބެއް ހޯދުމަށް ކެޓްރީނާ އާއި އަދިތްޔަ ކުރާ ދަތުރު!

Jan 5, 2016

ޗާލްސް ޑިކެންސްގެ ވާހަކަ ''ދަ ގްރޭޓް އެކްސްޕެކްޓޭޝަން'' ގެ މައްޗަށް އުފައްދާފައިވާ ހިންދީ ފިލްމު "ފިތޫރް"ގެ ފުރަތަމަ ޓްރެއިލާ އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ޒުވާން ދެތަރިން ކަމަށްވާ އަދިތްޔަ ރޯއި ކަޕޫރާއި ކެޓްރީނާ ކައިފް ލީޑްރޯލުން ފެނިގެންދަ މިފިލްމަކީ ކުޑައިރުއްސުރެން ފެށިގެން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ދެމީހެއްގެ އަސަރުގަދަ ލޯބީގެ ވާހަކަ އެވެ.

ކަޝްމީރަށް ނިސްބަތްވާ މިދެމީހުންގެ ތެރެއިން ކެޓްރީނާއަކީ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވަ ކުއްޖަކަށްވީއިރު، އޭނާގެ ލޯބީގައި ދީވާނާވެފައިވާ އަދިތްޔަ އަކީ އާދައިގެ އާއިލައަކަށް ނިސްބަތްވާ ކުރެހުންތެރި އެކެވެ.

ކެޓްރީނާ އާއި އަދިތްޔަ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރުވެސް މިދެމީހުނަށް އެކުގައި ނުއުޅެވެނީ ކެޓްރީނާގެ މަންމަ، ތާބޫހެ ނުފޫޒުން މިދެލޯބިވެރިން ވަކިކުރުވަ އެވެ. އޭނާ ދެކޭ ގޮތުގައި އަދިތްޔަ އަކީ އެމީހުންނާއި އެކަށީގެންވާ ފެންވަރެއްގެ މީހެއްނޫނެވެ.

އާއިލާގެ ތެރެއިން ކެޓްރީނާއަށް އަދިތްޔަ ދޫކޮށްލަން ކިތަންމެ ބާރު އަޅައި މިދެލޯބިވެރިންގެ ދުރުކުރުމަށް ކުރެވެން އޮތްހާ ކަމެއް ތާބޫ ކުރަމުން ދިޔ ނަމަވެސް ތަގުދީރު މިދެލޯބިވެރިން އެކުގައި ވުމަށް ލިޔެވިފައިވާތީ، ޓްރެއިލާ ނިމޭއިރު ބޯކޮށް ވެހެމުންދާ ސްނޯގެ ތެރެއިން ކެޓްރީނާ އަދިތްޔަ ކައިރިއަށްދާތަން ފެނެ އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ މިފިލްމަކީ ކެޓްރީނާ އާއި އަދިތްޔަ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މިފިލްމުގެ ފުރަތަމަ ޓްރެއިލާއާއެކު މިދެތަރިންގެ ކެމިސްޓްރީ ވަރަށް ފުރިހަމަ ކަމަށް ބުނަމުން އަންނައިރު، މިފިލްމަށް ބެލުންތެރިންކުރާ އިންތިޒާރު މިހަރު ވަނީ އެތައް ގުނައަކަށް އިތުރުވެފަ އެވެ.

ތަބޫގެ ފަރާތުން ފެނިގެންދާ ތަފާތު ޕާފޯމެންސްއާއި، ކަޝްމީރުގެ ރީތި ހިތްގައިމުކަމާއި ކެޓްރީނާ އާއި އަދިތްޔަގެ ކެމިސްޓްރީ އާއި ކެޓްރީނާ ނުލިބުމުން އަދިތްޔަ ކުރާ ހިތާމައަކީ މިފިލްމުގެ ޓްރެއިލާއިން ފާހަގަކޮށްލެވޭ މަންޒަރުތަކެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މުހިންމު ރޯލުން ލާރާ ދައްތާ އާއި އަދިތީ ރާއޯ ހައިދްރީ ވެސް ފެނިގެންދާނެ އެވެ. އަދި ހާއްސަ ފެނިލުމަކުން އަޖޭ ދޭވްގަން ވެސް ފެނިގެންދެ އެވެ.