މުހައްމަދު ނާޒިމް

ނާޒިމްގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮތީ ހުކުމް

  • ދައުލަތުން އެދުނީ، އިންސާފުވެރިކޮށް މައްސަލަ ނިންމައި ދިނުމަށް
  • ނާޒިމްގެ ވަކީލް ވަނީ ފިސްތޯލަ ޕްލާންޓް ކުރި ކަމަށް ތުހުމަތުކޮށްފައި
  • ކްރިމިނަލް ކޯޓުގައި ހެކި ބަސް ނުނަގާ ގިނަ ބައެއްގެ ހެކިބަސް ނެގި

ހަނގުރާމަވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވެ، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިއަދު ހައިކޯޓްގައި ނިންމާލައިފި އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވަނީ ހުކުމް އިއްވުމަށް ކަމަށް ފަނޑިޔާރުންގެ މަޖިލީހުން މިއަދުގެ ޝަރީއަތް ނިންމާލައްވަމުން ވިދާޅުވި އެވެ.

ހައިކޯޓްގައި ކުރިއަށްދާ، ނާޒިމްގެ އިސްތިއުނާފުގެ ފަހު އަޑުއެހުން މިއަދު ބާއްވާފައިވާއިރު މިއަދު ދެ ފަރާތުން ވެސް ހުލާސާ ބަޔާން މިއަދު ވަނީ އިއްވައިފައެވެ. ދެ ފަރާތަށް ވެސް ދިނީ 20 މިނެޓްގެ ވަގުތުކޮޅެކެވެ. މިއަދު ބޭއްވި އަޑުއެހުމުގެ އެއްބައި ސިއްރުކޮށްފައިވެސްވެ އެވެ. އެއީ ދައުލަތުން ހުށަހެޅި ސިއްރު ލިޔުމާ ގުޅޭގޮތުން ދެ ފަރާތުން ފާހަގަވި ކަންތައްތައް ހުށަހެޅުމަށެވެ. ސިއްރުކޮށް، ދެ ފަރާތްތައް ވާހަކަ ދެއްކުމަށް ފަސް މިނެޓްގެ ވަގުތު ދީފައިވެ އެވެ.

ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ނާޒިމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުނާފް ކުރުމަށް ނާޒިމްގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ހައި ކޯޓުން ބަލައިގަތްފައިވަނީ މޭ މަހުގެ 11 ވަނަ ދުވަހުއެވެ.

ނާޒިމްގެ އިސްތިއުނާފާގެ މައްސަލައިގެ ހުކުމް އިއްވުމަށް ދެން އަޑުއެހުމެއް ބާއްވާއިރު ހުކުމް އިއްވަން ބާއްވާ އަޑުއެހުން ތާވާލުކުރާނެ ދުވަހެއް މިއަދު އިއުލާންކޮށްފައެއް ނުވެއެވެ. ހުލާސާ ބަޔާނުގައި ދެ ފަރާތުގެ ވަކީލުން ވެސް ގިނަ ކަންކަން ފާހަގަ ކުރެއްވި އެވެ.

ނާޒިމް ފާހަގަ ކުރެއްވި ނުގުތާތައް

  • ނާޒިމަށް އިންޒާރުގެ މެސެޖްތަކާއި ކޯލްތައް ލިބުން މައްސަލަ ތަހުގީގުނުކޮށް ނާޒިމަށް ހުކުމް އިއްވާފައިވާކަން
  • ނާޒިމްގެ ޑްރަވައިރުންނާއި ސެކިއުރިޓީންގެ ހެކި ބަހުން ނާޒިމްގެ އެޕާޓްމެންޓްގެ ތަޅުދަނޑި އާއި ކާރު ތަޅުދަނޑި ގިނަ ބަޔަކަށް އެކްސެސްވެވޭކަން
  • ނާޒިމް ބަޑި ނުވަތަ ބަޑި ފެނުނު ކަޅު ދަބަސް ގެންގުޅޭތަން އެއްވެސް ހެއްކަކަށް ފެނިފައިނުވާކަން
  • ނާޒިމް ރަށުން ބޭރުގައިވީ ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑިފެންސް މިނިސްޓަރުކަމާ ވަގުތީ ގޮތުން ހަވާލުވިކަން
  • ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަކީ އަދީބާއި ކުރީގެ ސީޕީ ހުސެއިން ވަހީދު ޕްލާންޓްކޮށްފައިވާ އެއްޗެއް ކަމަށް ތުހުމަތުކުރެވޭކަން
  • ނާޒިމްގެ ފްރޭމްކުރުމުގައި އަދީބާއި ސިފައިންގެ ބައެއް ޝާމިލުވާކަން
  • ނާޒިމްގެ އެޕާޓްމެންޓް ފާސްކުރިއިރު ސުއަޓް ފުލުހުންގެ ކޮމާންޑަރު ނިދާފައި އޮތްކަން
  • ސިފައިންގެ ހަތިޔާރު ގުދަނުން ހަތިޔާރު ގެއްލިފައިވާ ކަމަށާއި ސިފައިންގެ ހަތިޔާރު ގުދަނުން ހަތިޔާރު ގެއްލޭއިރު ސިފައިންގެ ޓްރާންސްޕޯޓްގައި ހުންނަ ނާޒިމްގެ ކާރުކޮޅުގެ ޑަބަލް ތަޅުދަނޑި ނެގުމަކީ ވެސް އެކަށީގެންވާ ކަމެއްކަން
  • ސިފައިންގެއިން ބަޑި ވަގަށް ނެގުނު ބަޔަކަށް ނާޒިމްގެ އެޕާޓްމެންޓްގައި ފިސްތޯލެއް ބޭއްވިދާނެކަން

ދައުލަތުން ފާހަގަކުރި ކަންކަން

  • ނާޒިމްގެ ސެކިއުރިޓީންނާއި ޑްރައިވަރުން ނާޒިމް ރަށުން ބޭރުގައި އުޅުންވަންޏާ، ޑިއުޓީއަށް ނުނިކުންނަކަން
  • ނާޒިމްގެ ގެންގުޅުއްވާ ދަބަހުގައިވާ އެއްޗެއް އެއްވެސް ހެއްކަކަށް ނޭނގޭކަން
  • ނާޒިމްގެ ކާރުކޮޅުގެ ތަޅުދަނޑި ގެއްލިގެން އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާކަން
  • ކަޅުތުއްކަލާ ކޮށީގެ ޓްރާސްޕޯޓްގައި ނާޒިމްގެ ކާރުކޮޅުގެ ޑަބަލް ތަޅުދަނޑި އޮތުމަކީ ނާޒިމްގެ އެޕާޓްމެންޓްގައި ފިސްތޯލައެއް ބޭއްވުމަށް އެކަށީގެންވާ ކަމެއް ނޫންކަން
  • ސީންއަށް ދިޔަ ހުރިހާ ފުލުހުންގެ ފިންގަޕްރިންޓް ނަގައި އެ ފިންގަޕްރިންޓްތަކާއި ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުގެ ފިންގަޕްރިންޓާ އަޅާކީއިރު އެއްވެސް ފުލުހެއްގެ ފިންގަޕްރިންޓާ ދިމާނުވާކަން

އެ ހުރިހާ ނުގުތާތައް ފާހަގަ ކުރެއްވުމަށް ފަހު ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ މި މައްސަލަ ރަނގަޅަށް ބެއްލެވުމަށް ފަހު އިންސާފުވެރި ގޮތަކަށް މައްސަލައިގައި ފައިސަލާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ މައްސަލައިގައި ތަހުގީގު މުޅިން ނުނިމޭ ކަމަށާއި އެފަދަ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާތީ އެ ހުކުމް ބާތިލްކޮށް ދިނުމަށް އެދޭ ކަމަށެވެ.