ބޮލީވުޑް

"ޖެއި ގަންގާޖަލް" ގެ މަންޒަރުތަކެއް ކަނޑަން އެންގުމުން ޑައިރެކްޓަރު ރަތަށް!

Jan 6, 2016

މާޗްމަހުގެ ތެރޭގައި ރިލީޒްވާ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ލީޑްރޯލުން ފެނިގެންދާ "ޖެއި ގަންގާޖަލް"ގެ ގިނަ މަންޒަރުތަކެއް ކަނޑަން ސެންސަރު ބޯޑުން އެނގުމުން އެކަމާ ޑައިރެކްޓަރު ޕްރަކާޝް ޖާ ރުޅިގަދަވެއްޖެ އެވެ.

ސެންސަރު ބޯޑުން ވަނީ މިފިލްމު އުފެއްދި ފަރާތަށް ފިލްމުގައި ބޭނުންކޮށްފައިވާ ބައެއް ހުތުރު ބަސްތައް އުނިކުރަން އަންގާފަ އެވެ. ސެންސަރު ބޯޑުން ބުނެފައިވާ ގޮތަށް މިފލްމުގައި ބޭނުންކޮށްފައިވާ އެފަދަ ހުރިހާ ބަސްތަކެއް ހިމެނޭ 11 މަންޒަރެއް ކަނޑާލުމުން ޔޫއޭ ސާޓިފިކޭޓް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް ސެންސަރު ބޮޑުގެ ނިންމުމާއި މެދު އިންތިހާއަށް ހިތްހަމަނުޖެހިފައިހުރި ޕްރަކާޝް ޖާ ވަނީ ސެންސަރު ބޯޑުން ކަނޑަން އަންގާފައިވާ 11 މަންޒަރެއް ފިލްމުން އުނިކޮށްފިނަމަ، އުނިކުރި މަންޒަރުތައް ހަމަޖެއްސުމަށް ޖުމްލަ 50 މަންޒަރެއް ފިލްމުން އުނިވާނެ ކަމަށެވެ. އަދި ސެންސަރު ބޮޑުން ބުނެފައިވާ ގޮތަށް އެމަންޒަރުތައް އުނިކުރުމުން ފިލްމުގެ މުޅި ވާހަަކަ ބަދަލުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

"ސެންސަރު ބޮޑުން ބުނެފައިވަނީ ފިލްމުގައި ބޭނުންކޮށްފައިވާ ހުތުރު ބަސްތައް ކަނޑަން. މިބަސްތަކަކީ އާންމު ދިރިއުޅުމުގައި ކޮޮންމެ ދުވަހަކު އަހަރުމެން ބޭނުންކުރާ ބަސްތައް. ފުލުސް އޮފިސަރަކާއި މުޖުތަމައުއާއި ދެމެދު އޮންނަ ގުޅުން ދައްކުވައިދޭ މިފިލްމުގައި އެއްވެސް ގައުމަކާއި ދެކޮޅު ނުވަތަ އެއްވެސް ދީނަކާއި ދެކޮޅު މެސެޖެއްދީފައި ނުވާނެ. މިފިލްމަކީ މިގައުމުގައި ކޮރަޕްޝަނާއި ސިޔާސީ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ގައުމުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ހަމަޖެހުން ގެނައުމަށް އަންހެން ފުލުހަކު ކުރާ މަސައްކަތް. އަހަންނަކީ ޒިންމާދާރު ފިލްމު އުފައްދާ މީހެއް، މީހެއްގެ ހައްގަކަށް އަރައެއް ނުގަންނަން" މިފިލްމުގެ ގިނަ މަންޒަރުތަކެއް އުނިކުރަން އެންގުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުން ޕްރަކާޝް ބުންޏެވެ.

އިތުރަށް ޕްރަކާޝް ވަނީ، އެންމެ ފުރަތަމަ ސެންސަރު ބޯޑުގައި ތިއްބަވާ ދެބޭފުޅަކު ވަނީ ފިލްމުގެ ބައެއް މަންޒަރުތައް އުނިކުރުމަށްފަހު އެޑަލްޓް ސެޓްފިކެޓް މިފިލްމަށް ދޭން ކަމަށާއި ނަމަވެސް އިތުރު ދެމެމްބަރަކު ވަނީ ފިލްމުގެ ދެތިން މަންޒަރެއް އުނިކުރުމުން ޔޫއޭ ސެޓްފިކެޓް ދޭން ބުނެފައި ކަމަށެވެ. ނަމަވެސް ސެންސަރު ބޯޑުގެ ޗެއާޕާސަން ޕަހްލަޖް ނިހަލާނީ އާއެކު އަލުން މިފިލްމު ސްކްރީން ކުރިއިރު އޭނާވަނީ 11 މަންޒަރެއް ކަނޑަން ނިންމާފައި ކަމަށެވެ.

ފިލްމުތަކުގައި ހުތުރު ބަސް ބޭނުންނުކެރެވޭނެ ކަމުގެ އެއްވެސް ގަވާއިދެއް ނޯންކަމަށް ބުނަމުން ޕްރަކާޝް ވަނީ 2003 ވަނަ އަހަރު އޭނާ ނެރުނު މިފިލްމުގެ ފުރަތަމަ ބައި، "ގަންގާޖަލް"ގައި މިފިލްމަށް ވުރެން މާ ގިނައިން ހުތުރު ބަސް އަދި މާގިނަ ތަޅާފޮޅާ މަންޒަރުވެސް ހިމެނިފައިވާނެ ކަމަށާއި ނަމަވެސް އެފަހަރު ފިލްމުން އެންމެ ހުތުރު ބަހެއްގެ އަޑު ކަނޑާލައި، ޔޫއޭ ސެޓްފިކެޓް ދީފައިވާ ކަމަށެވެ.

"އެފިލްމު މިހާރު ވަނީ 300 ފަހަރަށް ވުރެން ގިނަފަހަރު ޓީވީތަކުން ވެސް ދައްކާފައި. އެއްވެސް މީހަކު އެފިލްމުގެ ބޭނުންކޮށްފައިވާ ބަސްތަކާއި ބޭގޮތުން ވާހަކައެއް ނުދައްކާ" ޕަރްކާޝް ބުނެފައިވެ އެވެ.

މީގެއިތުރުންވެސް މުޖުތަމައުގައި ހަމަޖެހުން ގެނައުމަށް މަސައްކަތްކުރާ ޖެހިލުން ކުޑަ އަންހެން ފުލުސް މިފިލްމުގައި ފެނިގެންދާ ގޮތާއި ބެހޭގޮތުން ވެސް ކޮމެންޓްކޮށްފައިވާ ކަމަށެވެ. މިކަމާ ވެސް އިންތިހާއަށް ޕްރަކާޝް ހިތްހަމަނުޖެހިފައިވާއިރު، އޭނާ ވަނީ މުޅިފިލްމުގައި ހެން ޕްރިޔަންކާ ފެނިގެންދާނީ ފުލުހުންގެ ޔުނިފޯމްގައި ކަމަށާއި ފިލްމުގެ އެއްވެސް މަންޒަރެއްގައި ނިވާކަން ކުޑަ ހެދުމެއްގައި ނުވަތަ އިންތިހާ އަށް ތަޅާފޮޅާ މަންޒަރުން ޕްރިޔަންކާ ފެނިގެން ނުދާނެ ކަމަށެވެ.

"އެމީހުން އަހަރެން ކައިރި ބުނީ ފިލްމުގައި ހިމެނޭ އެއް ތަޅާފޮޅާ މަންޒަރުން 50 އިންސައްތަ ކަނޑަން. އެކަމަށް އަހަރެން ގަބޫލު، އެކަމަކު ފިލްމުގައި ބޭނުންކޮށްފައިވާ ބަހުރުވައެއް އުނިނުކުރެވޭނެ" މިމައްސަލަ ޓްރައިބިއުނަލްގެ އިތުރުން ކޯޓަށް ވެސް ހުށަހަޅާނެ ކަމަށް ބުނަމުން ޕްރަކާޝް ބުނެފައިވެ އެވެ.

މިފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުުރުމުގެ އިތުރަށް ޕްރަކާޝް މިފިލްމުގެ މުހިންމު ފުލުސް އޮފިސަރެއްގެ ރޯލުން ވެސް ފެނިގެންދާނެ އެވެ. މިހާރު ޓްރެއިލާ އާންމުކޮށްފައިވާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.