މޯލްޑިވިއަން

ވީއައިޕީން ދަތުރު ކުރަން ހާއްސަ ބޯޓެއް މޯލްޑިވިއަންއިން ގަންނަނީ

Jan 5, 2016
1

ވީއައިޕީންނާއި ރާއްޖެ ޒިޔާރަތް ކުރާ މުއްސަދި ޓޫރިސްޓުންނަށް ހާއްސަކޮށްގެން ފްލައިޓެއް ގެންނަން ގައުމީ އެއާލައިން މޯލްޑިވިއަން އިން ނިންމައި ފްލައިޓް ގަތުމަށް އިއުލާންކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު މޯލްޑިވިއަން އިން އިއުލާންކޮށްފައި ވަނީ ވީއައިޕީ އާއި ވީވީއައިޕީ މީހުންނަށް ހާއްސަކޮށްގެން އެތެރޭގެ އިންޓީރިއާ އާއި ސީޓިން އެރޭންޖްމަންޓް ބަދަލުކޮށްފައިވާ، ޑޭޝް އަށެއް ސީރީޒްގެ ކިއު-300 މަރުކާގެ ފްލައިޓެއް ހޯދުމަށެވެ. އިއުލާނުގައިވާ ގޮތުގައި އެންމެ މަދުވެގެން ހަ ވީވީއައިޕީންނަށާއި 20 ވީއައިޕީންއަށް ހާއްސަ ސީޓް އެ ބޯޓްގައި ހުންނަން ޖެހޭނެ އެވެ.

އަގު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ އެކެއްގެ ކުރިންނެވެ. އަދި އެ ބޯޓް އޮޕަރޭޓް ކުރާނީ އިބްރާހިމް ނާސިރު އިންޓަނޭޝަަލް އެއާޕޯޓް (އައިއެންއައިއޭ) އިން ކަމަށް ވެސް އިއުލާނުގައިވެ އެވެ. ބޯޓު ގަންނަން އަގު ހުށަހަޅާ ފަރާތުން ވިއްކާ ބޯޓަކީ ރާއްޖެއާ ކައިރި ސަރަހައްދަކުން ވިއްކާ ބޯޓެއް ކަމަށް ވާނަމަ، އެކަމަށް އިސްކަން ދޭނެ ކަމަށް ވެސް އެއާލައިނުން ބުންޏެވެ. 

އެ ފްލައިޓް ގަތުމަށް ކުރި އިއުލާނާ ގުޅޭ ގޮތުން، މޯލްޑިވިއަންގެ ހެޑް އޮފް އޮޕަރޭޝަންސް، އަލީ ނަޝާތު މިއަދު ވިދާޅުވީ އެ ފްލައިޓަކީ ވީވީއައިޕީ ފަރާތްތަކަށާއި ރާއްޖެ އަންނަ މުއްސަދި ޓޫރިސްޓުން ދަތުރު ކުރުމަށް ހާއްސަކޮށް ގެންނަ ފްލައިޓެއް ކަމަށެވެ. އެ ފްލައިޓް ގަންނަން ނިންމި ސަބަބުތަކާ ގުޅޭ ގޮތުން ނަޝާތު ވިދާޅުވީ، ލަގްޒަރީ ޓޫރިސްޓުން ރާއްޖެ އަންނަ އިރު، އެފަދަ ބޯޓެއް އޮތުމުގެ ސަބަބުން އޭގެން ބޮޑު ފައިދާއެއް މޯލްޑިވިއަން އަށް ނެގިދާނެ ކަމަށެވެ.

"ވަކި ބަޔަކަށް ހާއްސަކޮށްގެން ގެންނަ ފްލައިޓެއް ނޫން މިއީ. އެ ބޯޓުން ހިދުމަތް ހޯދޭނެ ފަދަ ފެންވަރު ހުރި ކޮންމެ ފަރާތަކަށް ވެސް ހިދުމަތް ދޭން މި ބޯޓު މި ގެންނަނީ. މިހާރު ވެސް ރާއްޖެއަށް އަންނަ ލަގްޒަރީ ޓޫރިސްޓުން އެބަ ބޭނުންވޭ މިކަހަލަ ހިދުމަތެއް އޮންނަން. އެގޮތަށް ބަލާފައި އެ މާކެޓަށް އަޅުގަނޑުމެން މި ބޯޓު މިގެންނަނީ،" ނަޝާތު ވިދާޅުވި އެވެ.

އެ ފްލައިޓްގެ އިތުރަށް މޯލްޑިވިއަން އިން މިހާރު ވަނީ އޭ 321 މަރުކާގެ ބޯޓެއް ގެންނަން ވެސް އިއުލާންކޮށްފަ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 16 ބޯޓު އޮންނަ އިރު އޭ321 އަކާއި އޭ320 ގެ އިތުރުން ޑޭޝް 8 މަރުކާގެ އަށް ފްލައިޓު ހިމެނެ އެވެ.