ޓޫރިޒަމް

ޓީމުގެ މަސައްކަތުން 30 އަށްވުރެ ގިނަ ޓޫރިޒަމް މުވައްޒަފުންނަށް ބަދަލު

Jul 7, 2022

ޓޫރިޒަމް މުވައްޒަފުންގެ ހަގުތަކުގައި ވަކާލާތު ކުރާ ޓޫރިޒަމް ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ މަސައްކަތުން 30 އަށްވުރެ ގިނަ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ވަޒީފާ އިޔާދަކޮށް ބަދަލު ހޯދައިދީފި އެވެ.

ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފު ޒާކިރު ވިދާޅުވީ ޓީމުގެ ފަރާތުން ޓޫރިޒަމް މުވައްޒަފުން ގޮވައިގެން ލޭބަ ޓްރައިބިއުނަލްގައި ކުރި މަސައްކަތުން ގިނަ ކާމިޔާބީ ތަކެއް ހޯދިފައިވާ ކަމަށެވެ. ޓީމު ތަމްސީލް ކުރަން އޭނާ ހުންނަވާ ކުރި މަސައްކަތުން މިފަހުން 30 އަށްވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާ އިޔާދަކޮށް އަދި ވަޒީފާ ނެތް ދުވަސްތަކުގެ އެލަވަންސް ދޭން ޓްރައިބިއުނަލް އިން އަންގާފައިވެއެވެ.

ޓީމުން ކުރި މަސައްކަތުން ބަދަލު ހޯދައިދީފައިވަނީ މަނަފަރު ރިސޯޓުން ވަކިކުރި 17 މުވައްޒަފަކާއި ވޮލްޑޯފް އެސްޓޯރިއާގެ 16 މުވައްޒަފެއް އަދި ޖޯލި ރިސޯޓުން ވަކިކުރި މުވައްޒަފެއްގެ މައްޗަށެވެ.

"މުޅިން ވެސް މަސައްކަތް ކުރީ ޓީމުން. ނަމަވެސް މަނަފަރު މައްސަލާގައި އަޅުގަނޑުމެންނާއެކު ޕީއައިއެލްސީގެ އެހީތެރިކަން ލިބުނު،" މައުރޫފު ވިދާޅުވި އެވެ.

ކުރިން ވަޒީފާ ގެއްލުނު މުވައްޒަފުންގެ ވަޒީފާއަލުން އިޔާދަކުރުމަށް ޓްރައިބިއުނަލް އިން އަންގާފައިވަނީ ކުރީން ލިބެމުން ދިޔަ އިނާޔަތް ވެސް ދިނުމާ އެކުގައެވެ. އެގޮތުން ވޮލްޑޯފް ކުންފުނީގެ ރިސޯޓުން ވަޒީފާ އިން ވަކިކުރި މުވައްޒަފަކަށް 15،000 ޑޮލަރާއި 20،000 ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ. އަދި މަނަފަރު ރިސޯޓުގެ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 15،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

މައުރޫފު ވިދާޅުވީ ޓްރައިބިއުނަލް އިން މަސައްކަތް ނިމުނު ނަމަވެސް ބައެއް ރިސޯޓުތަކުން އިތުރަށް ކޯޓު މަރުހަލާ އަށް އެ މައްސަލަ ގެންގޮސްފައިވާ ކަމަށާ، ނަމަވެސް ޓީމުން އެ މައްސަލަތައް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ކޯޓު މަރުހަލާ ނިމިގެން ގޮސް ސުޕްރީމް ކޯޓުންވެސް އަމުރެއް މައްސަލައެއްގައި ވަނީ ނެރެފަ. އެ މައްސަލަވެސް ދޫކޮށްލުމުގެ ވިސްނުމެއް ނެތް. އެކަމަށްވެސް މަސައްކަތް ކުރަމުން މިދަނީ،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީމުން ދުނިޔޭގެ ލޭބަ ޖަމިއްޔާ އައިއެލްއޯއާއެކު މަސައްކަތް ކުރަމުންދާ ކަމަށާ މިގޮތަށް މުވައްޒަފުންނަށް ދިމާވާ މައްސަލަތައް އެ ޖަމިއްޔާގެ އެހީތެރިކަން ހޯދައިގެން ހައްލު ކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޓޫރިޒަމް މުވައްޒަފުންގެ ހައްގުގައި 2008 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރާ ޓީމުން މިހާތަނަށް 500 އެއްހާ މުވައްޒަފުންނަށް ބަދަލު ހޯދައިދީފައިވެ އެވެ.