މަތީ ތައުލީމް

ކްލީކް ކޮލެޖުގެ ދަސްވެނިވުން ބާއްވައިފި

Jun 28, 2022

ބޭރުގެ ގިނަ ކޯސްތަކެއް ހިންގާ ކްލީކް ކޮލެޖުގެ މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދާ ކްލީކް ކޮލެޖުގެ މި ހަފުތާ ހާއްސަކޮށްފައިވަނީ 2019 އަދި 2020 އާއި މި އަހަރުގެ ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންނެވެ. ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ އޮތް މި ހަފުލާގައި އެ ކޮލެޖުގެ އެކި ކޯސްތައް ފުރިހަމަ ކޮށްފައިވާ 173 ދަރިވަރުންގެ ތެރެއިން 101 ދަރިވަރަކަށް ވަނީ ސަނަދު ހަވާލު ކޮށްފައިވެ އެވެ.

މި ކުދިން ފުރިހަމަ ކުރި ކޯސްތަކުގެ ތެރޭގައި ހެރިއެޓް-ވޮޓް ޔުނިވާރސިޓީގެ ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކާއި، އެޑްވާންސްއިންގް ބިޒްނަސް އެޑިއުކޭޝަން ޔޫކޭ (އޭބީއީ) ލެވެލް 5،4 އަދި 6 ގެ ކޯސްތަކާއި،ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓަރލިޓީ (ސީޓީއެޗް)ގެ ފައުންޑޭޝަން ޑިޕްލޮމާ އަދި ޑިޕްލޮމާ ކޯސްތަކުގެ އިތުރުން އޭސީސީއޭ ކޮލިފިކޭޝަން ފުރިހަމަ ކުރި ދަރިވަރުން ހިމެނެ އެވެ. އަދި ކްލީކް ކޮލެޖުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުގެ ބެޗްލަރސް ޑިގްރީ، އެޑްވާންސް ޑިޕްލޮމާ، ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލް ހަތަރެއް ގެ ދަރިވަރުންނާއި ސްޕޯޓްސް އެންޑް އެކްސަސައިޒް ކޯހުން ޑިޕްލޮމާ ހާސިލްކުރި ދަރިވަރުންނަށް ސަނަދު ހަވާލު ކޮށްފައިވެ އެވެ

މި ހަފްލާ ޝަރަފްވެރި ކޮއްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން އެވެ. މި ހަފްލާގައި ދަސްވެނިންނާ މުހާތަބް ކުރައްވާ މިނިސްޓަރު ވިދާޅުވީ ދަސްވެނިވުމުގެ ހަފުލާ އަކީ ކޮންމެ ދަރިވަރަކު ވެސް ވަރަށް ފަހްރުވެރިވާނެ ވަގުތެއް ކަމަށެވެ. އެއީ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އެތައް ގުރުބާނީ އަކާއި ބުރަ މަސައްކަތް އަންގައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަފުލާގައި ކޮލެޖުގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދުގެ ސްޕީޗްގައި މިއީ ކްލީކް ކޮލެޖްގެ ހިދުމަތް ދޭންފެށިތާ 22 ވަނަ އަހަރަށްދާއިރު ސްޕެޝަލައިޒްޑް ފީލްޑްސް ތަކުން މިވަނީ ކިޔަވައިދޭން ފަށާފަ އެވެ. އޭގެތެރޭގައި ކޮމްޕިއުޓަރު ސައިންސް، ލޯ،ކްރިމިނޮލޮޖީ، ސޮޕޯޓްސް އެޑިއުކޭޝަން އަދި ޓޫރިޒަމް އެންޑް ހޮސްޕިޓާރލިޓީ ހިމެނެއެވެ. އަދި ހަމަ އެހެންމެ މެލޭޝިޔާގެ ސެގީ ޔުނިވާރސިޓީ އާޢި އެކު ވެފައިވާ ޕާރޓްނާޝިޕް ގެ ދަށުން ތިން އަހަރުގެ ފުލް ޑިގްރީ ޕްރޮގްރާމް ބިސްނަޒް، މާރކެޓިން އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާ އިން ސްޕެލައިޝް ވުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބޭކަން ފާހަގަކޮށްލެއްވި އެވެ. މީގެ އިތުރުން ސަރުކާރުގެ ދަށުން ދިވެހިރާއްޖޭގައި އެކައުންޓިންގް ކިޔަވައިދިނުމަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް ގޮވާލުމާއި ގުޅިގެން ސްރީލަންކާގެ އަލްފާ ބިސްނަޒް ސްކޫލާއި ކްލީކް ކޮލެޖާއި ދެމެދު މިވަނީ ޕާރޓްނާޝިޕް އެއް ޤާއިމުކުރެވިފައި ކަންވެސް ފާހަގަކުރެއްވެވި އެވެ.

ކޮންފެޑެރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ (ސީޓީއޭ) ޔޫކޭ ގެ ފައުންޑޭޝަން ލެވެލް ޕްރޮގްރާމް ތަކުން ފެށިގެން މާސްޓަސް ޑިގްރީ ހާސިލް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބެމުންދާކަންވެސް އުފަލާއިއެކު ފާހަގަ ކުރެއްވެވިއެވެ. 2021 ވަނަ އަހަރު ކްލީކް ކޮލެޖަށް ވަނީ ސީޓީއެޗް ގެ ގޯލްޑް ސެންޓަރގެ ލަޤަބު ވެސް ހާސިލްވެފައި ކަމަށާއި ދުނިޔޭގެ ފެންވަރުގައި މި ލަގަބު ހާސިލްވެފަވަނީ އެންމެ 9 ސެންޓަރަށް ކަމުގައި ވެސް ވިދާޅުވި އެވެ.

ޑރ. ނައުޝާދު ވިދާޅުވެފައިވަނީ މި އަހަރަކީ ކްލީކް ކޮލެޖްގެ ދަށުން ސޯޝަލް ރިސާރޗް ސެންޓަރ އެއް ޤާއިމް ކުރެވި މި އަހަރުގެ އޯގަސްޓް މަހު އއ.އުކުޅަހުގައި "އިންޓަރނޭޝަނަލް ކޮންފެރެންސް އޮން ޓޫރިޒަމް އެންޑް ސޯސަލް ރިސާޗް" ގެ ނަމުގައި ކޮންފެރެންސެއް ބޭއްވިގެންދާނެކަމީ ކްލީކް ކޮލެޖަށް ލިބިގެންދާނެ ވަރަށް ބޮޑު ފަހްރެއް ކަމުގައިވެސް ފާހަގަ ކުރެއްވެވި އެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ޕްރޮފެސަރުންނާއި އަދިވެސް އެހެން ފަރާތްތަކުން ބައިވެރިވާނެކަމުގައި ވެސް ވިދާޅުވި އެވެ.

ފަސް ދަރިވަރަކަށް އޭބީއީ- ޔޫކޭގެ ޓޮޕްޕޭޕާ ޕްރައިޒް

މި ދަސްވެނިވުމުގެ ހަފްލާގައި ވެސް އެޑްވާންސް އިންގް ބިޒްނަސް އެޑިއުކޭޝަން (ABE – UK) ކިޔަމަވުންދާ ދަރިވަރުންގެ ތެރެއިން ކްލީކް ކޮލެޖުގެ 5 ދަރިވަރުން ވަނީ ޓޮޕްޕޭޕާ ޕްރައިޒް ހާސިލްކޮށްފައިކަން ވެސް ފާހަގަ ކުރެއްވެވި އެވެ. ޓޮޕްޕޭޕަރ ޕްރައިޒް އަކީ އޭބީއީ އިން ބާއްވާ އިންޓަނޭޝަނަލް އެގްޒޭމް އިން އެ މާއްދާއަކުން އެންމެ މަތީމާރކްސް ހޯދާ ދަރިވަރަކަށް ދޭ އެވޯޑެކެވެ. ވޭތުވެދިޔަ ތިން އަހަރު 2019 އަދި 2020 އަދި 2021 ވަނަ އަހަރު ވެސް ވަނީ އެޑްވާންސްއިންގް ބިޒްނަސް އެޑިއުކޭޝަން ގެ އިމްތިހާނުން ވޯރލްޑް ޓޮޕް ޕޭޕަރ ޕްރައިޒް ހޯދާފަ އެވެ. އެއީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ އިމްތިހާނުން ޒުލައިޙާ އިބްރާހިމް، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިމްތިހާނުން އައިޝަތު ޔުމްނު މުހައްމަދު އާއި ހުސެއިން އަފްނާން ރަޝީދު އެވެ. އަދި 2020 ވަނަ އަހަރުގެ ޖޫން މަހުގެ އިމްތިހާނުން އައިމިނަތު ސޮފޫރާ ދޮން ތުއްތު އަދި 2021 ވަނަ އަހަރުގެ ޖޫން އިމްތިހާނުން އައިޝަތު ޔުމްނު މުހްއްމަދު އެވެ.

ދަރިވަރުންނަށް ދެވޭ އެވޯރޑް އޮފް އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އަކީ ކޮލެޖުގެ އެކިއެކި ހަރަކާތްތަކުގައި ފާހަގަ ކުރެވޭ މިންވަރަށް ބައިވެރި ވުމާއި އެކެޑެމިކް ޕާފޯމަންސް އާއި ސްޓޫޑެންޓް ލީޑާޝިޕް އަށް ބެލުމަށްފަހު ދެވޭ އެވޯރޑެއްކެވެ. މިހަފްލާގައި މި އެވޯޑް ހާސިލް ކޮށްފައިވަނީ ސެގީ ޔުނިވާރސިޓީގެ ބެޗެލާސް އޮފް ބިސްނަޒް މެނޭޖްމަންޓް (ހޮނާރސް) ކޯސް ކްލީކް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރު އެންޖެލިކާ މަރީނާ ފޯރސައިތް އެވެ.
އަދި ދެ ލެކްޗަރަރ އިންނަށް ވަނީ އެވޯރޑް އޮފް އެކްސަލަންސް ދީފައެވެ. އެއީ އައިމިނަތު އާދަމް އާއި މުޙައްމަދު ޝަފީއު އެވެ. މީގެ އިތުރުން 22 ދަރިވަރަކަށް އެޗީވްމަންޓް އެވޯޑް އަދި 2 ދަރިވަރަކަށް ޕުރެސިޑެންޓްސް ރޯލް އޮފް އެކްސެލެންސް އެވޯޑް ގެ ޓުރޮފީ ހަވާލު ކޮއްފައިވޭއެވެ. މި ޝަރަފްވެރި އެވޯޑް ހާސިލްކޮށްފައިވަނީ ކްލީކް ކޮލެޖް ބެޗެލަރ އޮފް އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯސް ފުރިހަމަ ކޮށްފައިވާ ދެ ދަރިވަރުން ކަމުގައިވާ އަޙްމަދު ސުނިލް އަދި އަލީ މުހައްމަދު އެވެ.