ފަޒްނާ އަހުމަދު

ކުޑަކުދިންގެ މައްސަލަތަކުގައި އިދާރާތަކުން އަމަލުކުރާ ގޮތުން އިތުބާރު ގެއްލޭ: ފަޒްނާ

Jun 28, 2022
3

ބައެއް މުއައްސަސާތަކަކުން ކުޑަކުދިންގެ މައްސަލަތަކުގައި އަމަލުކުރާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖޭން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައި "ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން"ގެ ނަމުގައި ކުރިއަށްދާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި މެޑަމް ފަޒްނީ ވިދާޅުވީ ވަކި މުއައްސަސާތަކަކުން ކުޑަކުދިންގެ މައްސަލަތަކުގައި އަމަލުކުރާ ގޮތުން މުޖުތަމައުގެ މެދުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖޭން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާ ކަމަށެވެ.

ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ވަކިވަކި މުއައްސަސާތަކަކުން ބޭނުންވާ ކަންކަމުގެ ކުރިއަށް އެކުދިންގެ ރައްކާތެރިކަން އިސްކޮށް ހުރިހާ މުއައްސަސާތަކަކުންވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރުމަށްވެސް މެޑަމް ފަޒްނާ ގޮވާލެއްވި އެވެ. އެކަމަނާ ވަނީ ކުޑަކުދިންގެ ކަންކަން ބެލުމުގައި ރާއްޖެއަކީ އިންސާނީ ވަސީލަތް މަދު ގައުމެއްކަމުން މިފަދަ ކަންކަމުގައި ލިބެން ހުރި ވަސީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުން ކަމުގައިވެސް ވިދާޅުވެފަ އެވެ.

ފަޒްނާ އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައާއި، އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ކޮންމެ މީހަކުވެސް އަމިއްލައަށް އަދާކުރަންވީ ދައުރާއި، މުއައްސަސާގެ ފަރާތުން އަދާކުރަންވީ ދައުރަކީ ކޮބައިކަން ދެނެގަތުމާއި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ރަނގަޅަށް މުއާމަލާތްކޮށްގެން އެފަދަ އަނިޔާއެއް ލިބިފައިވާ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ އެންމެ އިސްކަންދޭ ކަމަކަށް ހަދަންޖެހޭ ކަމަށެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭގޮތުން ހުރި ގާނޫނުތަކަށް ފުލުހުންގެ ހިންގުމުގެ ދާއިރާގެ ބޭފުޅުން އަހުލުވެރިކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުރިއަށް އޮތް 18 މަސް ދުވަހަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ އެ އެކްޝަން ޕޭލޭންތައް ތައްޔާރުކުރުމެވެ.