އަހުމަދު މަހްލޫފު

ބިލް ދައްކައިދޭނަމަ ފޯން ނަގާނަން: މަހްލޫފް

Jun 28, 2022
6

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފޯން ބިލް ދައްކަވައިދެއްވާނަމަ ފޯނަށް ޖަވާބު ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި "މަޖިލީހުގެ މެންބަރުން ގުޅުއްވީމާ ފޯން ނަންގަވާ ޖަވާބު ދެއްވާނީ އަޅުގަނޑުމެން ކިހިނެއް ހެދީމާތޯ"އޭ ވިދާޅުވެ އެމްޑީޕީގެ ކަނޑިތީމުގެ ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަހީމަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް އެންމެ ފުރަތަމަވެސް ވިދާޅުވީ "އަޅުގަނޑުގެ ފޯން ބިލް ދައްކަންޏާ ހަމަ ގުޅުއްވާއިރަށް ޖަވާބު ދޭނަން" ކަމަށެވެ.

މަހްލޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޭނާއަށް ކުރައްވާ ކޯލްތަކުގެ ތެރެއިން 90 ޕަސަންޓް ކޯލަށް ޖަވާބު ދެއްވާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ހުރިހާ ކައުންސިލްތަކާއި ހުރިހާ އޮފީސްތަކަކަށް ވެސް އޭނާ ޖަވާބު ދެއްވަންޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ މެންބަރުން ގުޅުއްވާ ކޮންމެ ފަހަރަކު ފޯނަށް ޖަވާބު ދެއްވާނެ ކަމަށް އުއްމީދު ނުކުރެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އެހެންވީމާ ފަހަރުގައި ތިބޭފުޅުންގެ ފޯނަކަށް ޖަވާބު ނުދެވުމަކީ އަޅުގަނޑުމެން ފޯނަށް ޖަވާބު ނުދިނުން ކަން ވިސްނައިދޭ ގޮތަށް މިތަނުގައި ސުވާލު ކުރެއްވުމަކީ އަޅުގަނޑަށް ހީވަނީ އެއީކީ ރަނގަޅު ކަމެއް ނޫންހެން،" މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެއްވެސް ދާއިރާއެއްގައި ޔޫތު މިނިސްޓްރީން އެއްވެސް މަޝްރޫއެއް ހިންގާނަމަ އަދި މަޝްރޫއަކާ ގުޅޭގޮތުން ސިޓީއެއް ފޮނުވި ނަމަވެސް އެ މައުލޫމާތު އެ ދާއިރާއެއްގެ މަޖިލިސް މެންބަރަކާ ޔޫތު މިނިސްޓްރީން ހިއްސާކުރާ ކަމަށެވެ.

"ދެން އެހާކަންހާވަރަށް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ކޮމިއުނިކޭޝަން ރަނގަޅު ކުރެވޭނީ" މަހްލޫފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފޯން ކޯލްތަކަށް މިނިސްޓަރު އަހްމަދު މަހްލޫފް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ މީގެކުރިންވެސް މަޖިލީހުގެ ބައެއް ޖަލްސާތަކުގައި ބައެއް މެންބަރުން ޝަކުވާކުރައްވާފައިވެ އެވެ. މީގެއިތުރުން ބައެއް މެންބަރުން ވަނީ ނަންގަވާނެ ފޯން ނަންބަރެއް ހިއްސާކޮށްދެއްވުމަށާއި އޭރުން އެ ނަންބަރަށް ގުޅުއްވާނެ ކަމަށްވެސް ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މިނިސްޓަރު މަހްލޫފަށް ދަންނަވާފަ އެވެ.