ސިވިލް ކޯޓް

މޯލްޑިވިއަންގެ ވަޒީފާ އަމީނަށް ދޭން ހުކުމްކޮށްފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އަމީން މޯލްވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން ވަކިކޮށް، އޭނާގެ މަގާމު ދަށްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އޭރު އެ ކުންފުނިން ބުނެފައިވަނީ އަމީން އެ މަގާމުން ވަކިކޮށްފައިވަނީ ކުންފުނި ރިސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ. އެ މައްސަލަ އަމީން ސިވިލް ކޯޓަށް ހުށަހެޅި އެވެ.

މޯލްޑިވިއަން އިން ކޯޓުގައި ބުނެފައިވަނީ އެ މަގާމުން ވަކިކުރުމަށްފަހު އެހެން ޒިންމާއެއް އަމީންއާ ހަވާލުކުރި ކަމަށެވެ. އެކަމަކު އޭނާ ފަހުން ވަޒީފާއަށް ހާޒިރުނުވާތީ އެ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަޒީފާއިން ވަކިކުރީ ކަމަށެވެ.

ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ އޭރު އޭނާ ހުރި މަގާމުން ވަކިކުރުމަށްފަހު މަގާމު ދަށްކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން އަލުން އެ މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަސް ތެރޭގައި އަމީންއަށް ދިނުމަށް ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް ހުކުމުގައި އަމުރުކޮށްފައިވެ އެވެ. އެކަމަކު އެ މުއްދަތުގައި އަމީން އެހެން ވަޒީފާއެއް އަދާކުރިނަމަ އެ ފައިސާ އުނިކުރަން ޖެހޭނެ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.