ރިޕޯޓް

ނާޒިމްގެ ފިސްތޯލަ: ހަގީގަތާ ދުރު ރޭވުމެއްތަ؟!

  • ނާޒިމްގެ ފިސްތޯލައެއް ކަމަށް ބުނެވޭނެ ވަރަށް ހެއްކެއް ނެތް
  • ނާޒިމްގެ ވަކީލުން ފާހަގަ ކުރި ގިނަ ކަންކަމަށް ހެކި އެބަހުރި
  • ފްރޭމް ކުރި ކަމަށް ބުނާ ވާހަކައަށް ބާރު ލިބޭ

"ފްރޭމްކުރުން" މި ބަސް ދިވެހިންގެ ހިތުގައި ފްރޭމަކަށް ލެވި، ހަރުވެގެން އައީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓްގައި އޮތް ދަބަހަކުން ފިސްތޯލެއް ފެނި 11 އަހަރުގެ ޖަލު ހުކުމެއްގައި ބަދެވުމުންނެވެ. ރޭގަނޑު ފުރަ މެންދަމުގައި ފުލުހުންގެ ސްވޮޓް ޓީމެއް ނާޒިމްގެ އެޕާޓްމަންޓަށް ވަދެ، ހޯދި ފިސްތޯލަ އާއި އެއަށް ފަހު ފެށިގެން އައި ޝަރީއަތާ މެދު އެތައް ބައެއްގެ ޝައްކުތައް އޮތެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އެއްފަރާތްކުރާ އިރު، ނާޒިމްގެ ޝަރީއަތަކީ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވި މައްސަލަ އެވެ. އެ މައްސަލައިގެ ކުރިފަޅައިގެން އައުމާ އެކުހެން ފުލުހުންގެ މައްޗަށް ވެސް ސީރިއަސް ތުހުމަތުތަކެއް ހުދު ނާޒިމް އާއި ނާޒިމްގެ އާއިލާ އިން ތަކުރާރުކޮށް ގެންދެވީ ކުރައްވަމުންނެވެ.

ގިނަ ދުވަސްތަކަކަށް ފަހު ހައިކޯޓްގައި އޮތް އެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ވެސް ފަށައި އިއްޔެ ވަނީ ހުރިހާ އަޑުއެހުންތަކެއް ނިންމާލައިފަ އެވެ. މިހާރު ތައްޔާރުވެފައި މި ވަނީ މދިިޔަ އަހަރުގެ ހާޖާނު ބޮޑު އެއް މައްސަލައިގެ ހުކުމަށެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ އަޑު އެހުމާއި އޭގެ ތެރެއިން ފާހަގަވީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟ ހައިކޯޓްގައި ހުކުމް ނި ކުންނާނީ ކޮން ގޮތަކަށް ހެއްޔެވެ؟ މިއީ މިހާރު ޖަވާބަކަކަށް އިންތިޒާރު ކުރެވޭ ސުވާލުތަކެކެވެ.

ފިސްތޯލަ ފެނުމާއި ހައްޔަރު ކުރުން

ހައިކޯޓްގެ ޝަރީއަތަށް ފީނުމުގެ ކުރިން ނާޒިމްގެ މައްސަލައިގެ ފެށުމަށް ދަމާ ހިނގާށެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ ނުވަ ވަނަ ދުވަހުގެ ރޭ ނާޒިމް ހައްޔަރު ކުރީ ފިސްތޯލަ ފެނުނުތާދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ހައްޔަރު ކުރީ ދައުލަތާ އިދިކޮޅު އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ފިސްތޯލައިގެ ތަހުގީގުކޮށް ނިންމާލައި ދައުވާ ކުރި އިރުވެސް ކޯޓު އަމުރަކާ އެކު ނާޒިމް ހުރީ ހައްޔަރު ކޮށްފަ އެވެ. 

ފުލުހުންގެ ސްވޮޓް ޓީމަކުން ނާޒިމްގެ އެޕާޓްމަންޓަށް ވަދެ ފާސްކުރި ކުރުމުގެ ތެރޭގައި ކަޅު ކުލައިގެ ދަބަހެއްގެ ތެރޭގައި އޮތް 9 އެމްއެމް ފިސްތޯލަ އަކާއި ތިން ވަޒަނާއި ޕެންޑްރައިވް އަކާއި އައިއީޑީ ހަދަން ބޭނުން ކުރާ ޒާތުގެ އެއްޗިހިތަކެއް އެ ދަބަހުގެ ތެރެއިން ފެނުނުކަމަށް ފުލުހުން ހާމަކުރި އެވެ. ނަމަވެސް ފަހުން ބުނީ ގޮވާ ޒާތުގެ އެއްޗެއް ނުފެންނަ ކަމަށެވެ. ދައުވާ ކުރީ ވެސް، އެ ދަބަހުން ފެނުނު ފިސްތޯލަ އާއި ވަޒަނުގެ މައްސަލައިގައި، މަނާ ހަތިޔާރު އެތެރެކޮށް ގެންގުޅުނު ކަމުގެ ކުށުގެ ދައުވާ އެވެ. 

ނާޒިމްގެ ފިސްތޯލައެއް ކަމާމެދު ޝައްކުތަކެއް

ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ހުލާސާ ރިޕޯޓްގައިވާ ގޮތުގައި ނާޒިމްގެ މައްޗަށް މައްސަލަ ދައުވާ ސާތުވީ، އޭނާގެ "ނިދާ ކޮޓަރީގެ އެނދު ކައިރީގައި ހުރި ކަބަޑެއްގެ ވަތްގަނޑުގެ ތެރެއިން ފެނުނު ކަޅު ކުލައިގެ ދަބަހުގެ ތެރެއިން ޕިސްޓަލަކާއި ތިން ވަޒަން ފެނިފައިވާ ކަން، ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކުން އެނގެން އޮންނާތީ އާއި، އެ ތަކެތި ލިބުނު ގޮތް މުހައްމަދު ނާޡިމްގެ ފަރާތުން ސާބިތުކޮށްދެވިފައި ނުވާތީ، އެ ހެކިތަކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް،" ކަމަށެވެ.

އެ މައްސަލަ ސާބިތުވުމާ ގުޅިގެން ނާޒިމްގެ ވަކީލެއްގެ ގޮތުގައި އޭރު މަސައްކަތް ކުރެއްވި މައުމޫން ހަމީދު އެ ހުކުމަށް ފާޑު ވިދާޅުވަމުން، މައިގަނޑު ދެ ނުގުތާއެއް ފާހަގަ ކުރެއްވި އެވެ.

ފުރަތަމަ ކަމަކީ ޖިނާއީ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތު ކުރެވޭނީ ދައުވާ ރައްދުވާ މީހާ ކުށްވެރިވާ ކަމަށް، ދައުވާ ކުރާ ފަރާތުން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، -- ބިޔޯންޑް ރީޒަނަބްލް ޑައުޓް-- އަށް ޝަރީއަތުގައި ސާބިތުކޮށް ދީގެން ކަމަށް ވީ ނަމަވެސް، އެ ހަތިޔާރަކީ ނާޒިމްގެ އެއްޗެއްކަން ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށް ނުދެވުމެވެ. ޝައްކެއް ނެތް މިންވަރަށް ޖިނާއީ މައްސަލައެއް ދައުވާ ކުރާ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެ ނަމަ، ދައުވާ ރައްދުވާ މީހާ އަކީ ކުށްވެރިއެއް ނޫން ކަމަށް ބެލުމަކީ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާ އުސޫލެއް ކަމަށް ނާޒިމްގެ ވަކީލުން ފާހަގަ ކުރައްވާފައިވެ އެވެ. އަދި ނާޒިމް ހުށަހެޅި ހެކިން ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ނުވާތީ ދައުވާގެ ދޮގުކަން ސާބިތު ކުރުމަށް އެކަށީގެންވާ ފުރުސަތު ނާޒިމަށް ލިބިފައި ނުވުމަކީ ވެސް ބޮޑު މައްސަލައެކެވެ.

ހަތިޔާރު ހުއްޓާ ނާޒިމްގެ ކޮޓަރިން ފެނުނު އެ ދަބަހަކީ ނާޒިމްގެ އެއްޗެއް ކަމަށް ބެލެވެން ނެތް ވަރަށް ބޮޑު ދެ ޝައްކެއް ނާޒިމްގެ ފަރާތުން ޝަރިއަތުގައި އުފައްދާފައިވެ އެވެ. އެއީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުގައި ހުރި އިނގިލީގެ ނިޝާން، ނާޒިމުގެ ނުވަތަ އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ އިނގިލީގެ ނިޝާނާ ދިމާ ނުވާ ކަމަށް ފުލުހުންގެ ފޮރެންސިކް ތަހުލީލީ ރިޕޯޓްތަކުންނާއި ފުލުހުންގެ ހެކިބަހުން އެނގެން އޮތުމެވެ. އަދި ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނީ އޭނާގެ ޣައިރު ހާޒިރުގައި އެ ކޮޓަރީގައި ފުލުހުން ވަގުތުތަކެއް ހޭދަކުރުމަށް ފަހު ކަމަށް ތަކުރާރުކޮށް ނާޒިމްގެ ފަރާތުން ބުނުމުން ވެސް، ދައުލަތުން އެކަން ނަފީކޮށްފައެއް ނުވެ އެވެ. މި ހުރިހާ ސަބަބުތަކެއް އެކުވެ އެ ހަތިޔާރަކީ ނާޒިމްގެ އެއްޗެއްކަން ޝައްކެތް ނެތް މިންވަރަށް ސާވިތު ވެއެކޭ ބުނެވޭކަށް ނެތެވެ. 

ޕެންޑްރައިވް ވެސް އަރަތަކަށް

ދަބަހުން ފެނުނު ޕެންޑްރައިވް ވީ ޝަރީއަތުގައި މުހިންމު ކުރިތަކެއް ފެޅި ކަމަކަށެވެ. އެއްގޮތަކަށް ބުނާ ނަމަ މުޅި ޝަރީއަތުގެ އަސްލު އެހެން ދިމާލަކަށް އަނބުރާލި ކަމަކަށެވެ. އަސްލު މައްސަލައިން ސަމާލުކަން ދޫކޮށްލުމަށް ކުޅުނު ގޭމަކަށެވެ. ޕެންޑްރައިވުން ގިނަ ވާހަކަތަކެއް އައީ "ވިހަމުން"ނެވެ. ނާޒިމްގެ މައްޗަށް ސިޔާސީ ގޮތުން ކުރެވުނު ތުހުމަތުތަކާއި އެ ޕެންޑްރައިވްގައި ހުރި މައުލޫމާތުތަކާ އޮތީ ގުޅުވައިފަ އެވެ.

ރައީސް އަވަހާރަކޮށްލުމަށް ރާވާފައި އޮތް ގޮތުގެ ޕްލޭނެއް އެ ޕްންޑްރައިވްގެ ތެރެއިން އާންމުވެގެން އައި އިރު، ބޮޑެތި މައުލޫމާތުގެ ކުށްތަކެއް ވެސް ހުއްޓެވެ. އެއީ އަދި މުޅިން ގޯސް އެއްޗެކޭ ނާޒިމް ނުރާވާ ކަމެކޭ ބުނަނީ އެއް ނޫނެވެ.

ފުލުހުންގެ ފަރާތުން ޕެންޑްރައިވެ އެލަނައިޒްކޮށް އޭގެ ރިޕޯޓް ތައްޔާރުކުރި ޕޮލިސް، އަމީން ޢަބްދުލް ޤައްޔޫމްވެސް ހެކި ބަސް ބަސްދީ ބުނެފައި ވަނީ އެ ޕެންޑްރައިވްއާ ނާޒިމްއާ ގުޅުމެއް ނެތް ކަމަށެވެ. އެހެން ކަމަށްވާ ނަމަ ޝަރީއަތުގެ މަޖިލީހުގައި އޭގެ ބާރެއް ނެތެވެ. އަދި އެ ޕެންޑްރައިވް އާ ނާޒިމްއާ ގުޅުވަން ބަޔަކު މަސައްކަތް ކުރީ ފްރޭމް ކުރުމުގެ ރޭވުންގަނޑުގެ ތެރެއިން ކަމަށް ނާޒިމް ތުހުމަތު ކުރާ ކަންކަމަށް މި އޮތީ ޖާގަ ވެސް ހުޅުވިފަ އެވެ.

ކަޅު ދަބަސް

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ދަބަހާމެދު ވެސް ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ. އެގޮތުން އެ ދަބަހަކީ ނާޒިމްގެ ދަބަހެއް ނޫން ކަމަށް ވަކީލުން ދިޔައީ ބުނަމުންނެވެ. އެންމެ ފަހުން ހައިކޯޓުގައި ކުރިއަށް ގެންދިޔަ އިސްތިއުނާފުގެ އަޑުއެހުމުގައި ނާޒިމްގެ ދެ ޑްރައިވަރުންނާއި ދެ ސެކިއުރިޓީން ވެސް ވަނީ އެފަދަ ދަބަހެއް ނާޒިމް ގެންގުޅޭތަން ނުފެންނަ ކަމަށް ބުނެ ހެކި ބަސް ދީފައެވެ. އަދި ފިސްތޯލައެއް ނޫނީ ވަޒަނެއް ގެންގުޅޭތަން ވެސް ނުފެންނަ ކަމަށް ބުނެ އެ ހަތަރު މީހުން ހެކި ބަސް ދީފައިވެއެވެ.

ސުވަޓް ފުލުހުން ނާޒިމްގެ އެޕާޓްމެންޓް ބަލައި ފާސްކޮށްފައިވަނީ، ނާޒިމް އާއި އޭނާގެ އަންހެނުން ކޮޓަރިން ނެރެ ސިޓިންރޫމްގައި ފްރީޒްކޮށް ބައިތިއްބައިގެންނެވެ. ނާޒިމްގެ ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި ފުލުހުން އެންމެ ފުރަތަމަ ވެސް ހުޅުވާފައިވަނީ ކަޅު ދަބަސް އޮތް ވަތްގަނޑެވެ. އެ ވަތްގަނޑަކީ ތަޅުލެވޭ ވަތްގަނޑެއް ނޫނެވެ. ނާޒިމްގެ ކޮޓަރީގައި ތަޅުލެވޭ ތިޖޫރީއެއް ހުންނަކަން ފާހަގަކޮށްލެވެއެވެ. ފުލުހުން އެހެން ތަނެއް ނުބަލައި ފުރަތަމަ ވެސް ކަޅު ދަބަސް އޮތް ވަތްގަނޑު ބެލުމުން އެއީ ފުލުހުން ރާވާއިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ނާޒިމްގެ ތަޅުދަނޑިތައް

ނާޒިމްގެ އެޕާޓްމެންޓްގެ ތަޅުދަނޑިއަކީ ކާރުކޮޅުގައި ބާއްވާ ތަޅުދަނޑިއެއް ކަމަށް ޑްރައިވަރުންނާއި ސެކިއުރިޓީން ބުނެއެވެ. އެ ތަޅުދަނޑި ކާރުކޮޅުގައި އޮންނަކަން ގިނަ ބަޔަކަށް އެނގެ އެވެ. އަދި އެޕާޓްމެންޓްގެ ތަޅުދަނޑި ކާރުކޮޅުގައި އޮންނައިރު ކާރުކޮޅުގެ ތަޅުދަނޑި އޮންނަނީ، ތަޅުނުލައި ވަތްގަނޑެއްގައި މިނިސްޓްރީގެ ބިއުރޯގައެވެ. އެ ތަޅުދަނޑި އެތާ އޮންނަކަން ވެސް ގިނަ ބަޔަކަށް އެނގެއެވެ. ކާރުކޮޅުގެ ޑަބަލް ތަޅުދަނޑި އޮންނަނީ ކަޅުތުއްކަލާ ކޮށީގެ ޓްރާންސްޕޯޓްގަ އެވެ.

ހަތިޔާރު ގުދަނުން ހަތިޔާރު ގެއްލުން

ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވަނިކޮށް ރާއްޖެ ގުޑުވާލި ކަމެއްގެ ގޮތުގައި އިވިގެން ދިޔައީ ރައްޔިތުންގެ ރައްކާތެރިކަމަށް ސިފައިންގޭގެ ފުރިހަމަ ހިމާޔަތުގައި ހުރި ރާއްޖޭގެ ބަޑި ގުދަނުން ބަޑިތަކެއް މަދުވި ހަބަރެކެވެ. މި ޚަބަރާ ގުޅިގެން ސިފައިންގޭގެ އިސް މަގާމުތަކުގައި ތިބި ފަރާތްތައް ޒިންމާތަކަށް ހިޔާނަތްތެރިވެފައިވާކަން އެނގިގެންދެ އެވެ. އެނގިފައިވާ ގޮތުގައި ނާޒިމްގެ އެޕާޓްމެންޓުން ފެނިފައިވަނީ ބަޑި ގުދަނުން ގެއްލިފައިވާ ވައްތަރުގެ ފިސްތޯލައެކެވެ. މިއީ ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބާރު އިތުރަށް ވަރުގަދަވެގެންދާ ކަމެކެވެ.

ނާޒިމްގެ އިސްތިއުނާފުގެ މައްސަލައިގައި ހުލާސާ ބަޔާން އިއްވަމުން ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، އެމްއެންޑީއެފްގެ ހަތިޔާރު ގުދަނުން ހަތިޔާރު ވަގަށް ނެގުނުއިރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއަށް ހަތިޔާރު ވައްދައި އޭނާ ފްރޭމް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި ބަޑި ގުދަނުން ހަތިޔާރު ނެގޭ ބަޔަކަށް ޓްރާންސްޕޯޓްގައިވާ ނާޒިމްގެ ކާރުކޮޅުގެ ތަޅުދަނޑި ނަގައި ކާރުކޮޅު ހުޅުވައި އެޕާޓްމެންޓްގެ ތަޅުދަނޑި ނެގުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ސުއޫދު ވިދާޅުވިއެވެ.

އަދީބުގެ ރިޝްވަތާއި ތުހުމަތުތައް

ރައީސް އަބްދުﷲ ޔާމީން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ފުލުހުންގެ އިދާރާ އާއި ސިފައިންގެ ތެރޭގައިވެސް ނައިބު ރައީސް އަދީބްގެ ނުފޫޒު ފެތިރިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ނާޒިމްގެ މައްސަލައިގައި ނާޒިމް ފްރޭމްކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކޮށްފައިވަނީ އަދީބަށެވެ. އެކަމަށް ކުރިން މާބޮޑު ހެއްކެއް ނެތް ނަމަވެސް މިހާރު އަދީބު އެކަން ކޮށްފާނެކަމަށް ގިނަ ބަޔަކަށް ބެލެވެއެވެ. އެއީ އަދީބުގެ ރިޝްވަތުގެ މައްސަލަތަކެއް ފެންމަތިވެ ފުލުހުންނަށް ވެސް ރިސްވަތު ދީފައިވާކަން އެނގިފައިވުމުންނެވެ. އޭނާގެ އެޕާޓްމެންޓުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކެއް ފެނިފައިވުމުން ވެސް އަދީބުގެ މައްޗަށް ޝައްކުތައް އިތުރުވެއެވެ.

ވަކީލް ސުއޫދު ވިދާޅުވެފައިވަނީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަކީ އަދީބާއި ކުރީގެ ސީޕީ ހުސެއިން ވަހީދު ޕްލާންޓްކޮށްފައިވާ އެއްޗެއް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ނާޒިމްގެ ފްރޭމްކުރުމުގައި އަދީބާއި ސިފައިންގެ ބައެއް ޝާމިލުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމްގެ ހުށަހެޅި ނުކުތާތައް ވަރުގަދަ

ހުލާސާ ބަޔާން އިއްވަމުން ނާޒިމްގެ ފަރާތުން ޝަރީއަތަށް، ނާޒިމް ފްރޭމްކޮށްފައިވާކަން ސާބިތުކުރުމަށް ހުށަހެޅި ނުކުތާތަކަކީ ވެސް ވަރުގަދަ ނުކުތާތަކެއްކަން ފާހަގަކުރެވެއެވެ. އެގޮތުން ނާޒިމްގެ ގާނޫނީ ވަކީލުން ވަނީ، ނާޒިމް ރަށުން ބޭރުގައިވީ ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑިފެންސް މިނިސްޓަރުކަމާ ވަގުތީ ގޮތުން ހަވާލުވިކަން ފާހަގަކޮށްފައެވެ. އަދި ނާޒިމްގެ އެޕާޓްމެންޓް ފާސްކުރިއިރު ސުވަޓް ފުލުހުންގެ ކޮމާންޑަރު ނިދާފައި އޮތްކަން ވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އެސްއޯ ފުލުހުންގެ ޑިޕާޓްމެންޓްގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު މުސްލިމް ޝަރީއަތުގައި ހެކި ބަސް ދެމުން ވިދާޅުވީ، ނާޒިމްގެ ގެ ބަލައި ފާސްކުރަން ފުލުހުން އެކްޓިވޭޓްކުރީ އޭނާއަށް ނޭނގިކަމަށާއި އެކަން ކޮށްފައިވަނީ ސީޕީ ވަހީދު ކަމަށެވެ.

ހުލާސާ ބަޔާން އިއްވުމަށްފަހު ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ މި މައްސަލަ ރަނގަޅަށް ބެއްލެވުމަށް ފަހު ވާހަކަތަކަށް ރިއާޔަތްކޮށް މައްސަލައިގައި "ފައިސަލާކުރަނިވި" ހުކުމެއް ކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ މައްސަލައިގައި ތަހުގީގު މުޅިން ނުނިމޭ ކަމަށާއި އެފަދަ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާތީ އެ ހުކުމް ބާތިލްކޮށް ދިނުމަށް އެދޭ ކަމަށެވެ.

ނާޒިމްގެ މައްސަލައިގެ ޝަރީއަތުގައި ނާޒިމްގެ ވަކީލް، މައުމޫން ހަމީދު ދެއްކެވި ވާހަކަތަކާއި ސާބިތުކޮށްދެއްވަން މަސައްކަތް ކުރެއްވި ގިނަ ކަންތައްތަކެއް މިހާރު ވަނީ އެނިގިފައެވެ. އޭގެތެރޭގައި އަދީބު ފުލުހުންނަށް ނުފޫޒު ފޯރުވައިގެން ކަންތައްތައްކުރާ މައްސަލަ ހިމެނެއެވެ. ހުދު ރައީސް ޔާމީން ވެސް ވަނީ އަދީބުގެ ރިސްވަތުތަކާއި ނުފޫޒު ފުލުހުންގެ އިދާރާއަށް ވަދެފައިވާކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ އިދާރާގައި އަދީބުގެ ނުފޫޒު އޮތް މިންވަރު ފެނުމުން ހައިރާންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.