ފޮރިން މިނިސްޓްރީ

ރާއްޖޭގެ މަޝްރޫއުތަކަށް އެޑްވާންސް ހަތަރު މިލިއަން ރުފިޔާ ދީފި

Jun 30, 2022

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ހަމަޖައްސައިދީފި އެވެ.

މި ފައިސާ އަކީ ރާއްޖޭގެ ހަތް އަތޮޅެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމަށްޓަކައި ހަމަޖައްސައިދިން ފައިސާ އެވެ.

އެޑްވާންސް ފައިސާ ހަމަޖެއްސި މަޝްރޫއުތަކަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރް މިދިޔަ މާޗް ރާއްޖެ ވަޑައިގެން އަދި ފަހުން އޭޕްރީލް މަހު ސޮއި ކުރައްވާފައިވާ ހައި އިމެޕްކެޓް މަޝްރޫއުގެ ގޮތުގައި އިއުލާންކުރެއްވި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެވެ.

މިމަޝްރޫއުތަކަށް 155 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމާފައިވެ އެވެ.

މަޝްރޫއުތައް ހިންގާ ތަންތަނާއި އިތުރު މައުލޫމާތު

  • ހުޅުމާލޭ ހޮސްޕިޓަލްގައި އޯތޮޓިކްސް އަދި ޕްރޮސްތެޓިކްސް މެނުފެކްޗަކުރަން ވޯކްޝޮޕެއް ހެދުން.
  • ހދ. ކުޅުދުއްފުށި ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓް ހެދުން.
  • ނ. މަނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ހެދުން.
  • ނ. ލަންދޫގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކުރުން.
  • އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރު ހެދުން.
  • ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކުރުން.
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން.

އިންޑިއާ އިން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން ޖުމްލަ 27 މަޝްރޫއެއް ހިންގާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން މިސަރުކާރުގައި ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާ އިން ދަނީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަމުންނެވެ.