ބޭރު ކުޅިވަރު

ލިވަޕޫލް ފައިނަލާ ގާތަށް

ސްޓޯކް ސިޓީ 1-0އިން ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ފައިނަލާ ގާތަށް ލިވަޕޫލް ޖެހިލައިފި އެވެ.

ސްޓޯކް ސިޓިގެ ދަނޑުގައި މި ދެ ޓީމު ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޖޯޑަން އިބޭ އެވެ. މި މެޗަށް ފަހު މި ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ދެ ވަނަ މެޗު އޮންނާނީ ލިވަޕޫލްގެ ދަނޑުގަ އެވެ.

ފައިނަލަށް ދިއުމަށް ސެމީގެ ދެ ވަނަ މެޗުގައި މިރޭ ވާދަކުރާނީ މެންޗެސްޓާ ސިޓީ އާއި އެވަޓަން އެވެ. މެޗު ފަށާނީ މިރޭ ދަންވަރު އެކެއް ޖަހާއިރު އެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފިލިޕް ކުޓީނިއޯ އާއި ޑެޖާން ލޮވްރެން އަށް ވަނީ ހާނިއްކަވެގެން ބާލައިފަ އެވެ. މި ދެ ކުޅުންތެރިންނަށް ކުޅުމާ ދުރުގައި ދުވަސްކޮޅަކު ތިބެން ޖެހުން އެކަށީގެންވެ އެވެ.