ޓޫރިސްޓް އެރައިވަލް

ހަމަސް ތެރޭގައި 50 ޕަސަންޓް ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފި

Jul 1, 2022

ރާއްޖެއަށް މިއަހަރުގެ ނިޔަލަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ބޭނުންވާ 50 ޕަސަންޓް ޓޫރިސްޓުން ފާއިތުވެ ދިޔަ ހަމަސް ތެރޭގައި ރާއްޖެ އަތުވެއްޖެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ މާޗް މަހު އެވެ. އެ މަހުގެ ތެރޭގައި އެކަނިވެސް 150،748 ޓޫރިސްޓުން ރާއްޖެެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ނިމިގެން ދިޔަ ޖޫން މަހާއި އަދި މި އަހަރުގެ ކޮންމެ މަހަކުވެސް އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަން ތަފާސްހިސާބުތަކުން އެނގެ އެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ޖުމްލަ 809،603 ޓޫރިސްޓުންނަކީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 59.2 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުންދާ ޓޫރިސްޓް އެނދުގެ އަދަދަކީ 57،339 އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އަވަށްޓެރި އިންޑިއާ އިންނެެވެ. އެގައުމުން 119،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ދެވަނަ ލިބިފައިވާ އިނގިރޭސިވިލާތުން 96،000 އަދި ތިންވަނަ ހޯދާފައިވާ ރަޝިޔާއިން 81،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް މިއަހަރު 50 އަހަރު ފުރިފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގައި ވަނީ ހޯމްސްޓޭ ފަތުރުވެރިކަން ތައާރަފްކޮށްފަ އެވެ. އެކަމަކު އެކަމަށް މާބޮޑު ތަރުހީބެއް އަދި ލިބިފައެއް ނުވެ އެވެ. މިވަގުތު ރާއްޖެއަށް ބޭރުގެ 25 އެއާލައިނަކުން ދަތުރުވެސް ކުރެ އެވެ.

ޓޫރިޒަމްގެ ދާއިރާގައި ދުނިޔޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް -- ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑްވެސް މިދިޔަ ދެ އަހަރު ހޯދާފައިވަނީ ރާއްޖެ އެވެ.