އިންޑިއާ

އިންޑިއާގެ ސުޕްރީމް ކޯޓުން ނުޕޫރް ޝަރްމާ ލަދުގަންނަވާލައިފި

އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ތަރުޖަމާން ނުޕުރް ޝަރްމާ ލަދުގަންނަވާލާ އެ ގައުމުގެ ސުޕްރީމް ކޯޓުން ވަރުގަދަ ނިންމުމެއް ނިންމައިފި އެވެ. އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުުރުމުން އިންޑިއާގެ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ވަނީ ރުޅިވެރިކަމާއެކު އެ ދެ އޮފިޝަލުންނާއި ދެކޮޅަށް ތެދުވެފައެވެ.

ނުޕުރް ޝަރްމާއާ ދެކޮޅަށް އިންޑިއާގައި ހިނގަމުންދާ އިހުތިޖާޖުތަކާއި ދެކޮޅުވުންތައް އަދި ތަހުގީގުތައް ހުއްޓުވައި ދިނުމުގެ އަމުރަކަށް އޭނާ އޮތީ ސުޕްރީމް ކޯޓްގައި އެދިފައެވެ. ނަމަވެސް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށް ޝަރުމާގެ މައްޗަށް ވަރުގަދަ ނިންމުމެއް އާންމުކޮށްފައެވެ.

ސުޕްރީމް ކޯޓުން ޝަރްމާގެ ހުށައެޅުން ސިފަކުރީ އެ ގައުމުގެ ފަނޑިޔާރުންނަށްވެސް އިހުތިރާމު ނުކޮށް ހުށައެޅި ހުށައެޅުމެއްގެ ގޮތުގައެވެ. އޭނާގެ ކުރިމަތީގައި ފަނޑިޔާރުންނަކީ ވަރަށް އާދައިގެ ބައެއް ގޮތުގައި ސިފަވާ ކަމަށް ބުނެ އެ ހުށައެޅުން ފެންނަނީ ޝަރުމާގެ ކިބުރުވެރިކަން ކަމަށްވެސް ކޯޓްގެ ނިންމުމުގައި ވެއެވެ.

ހުށައެޅުން ބޭރުކޮށް ސުޕްރީމް ކޯޓުން ބުނެފައިވަނީ ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުުރުމުން ހިނގާދިޔަ ކޮންމެ ހަމަނުޖެހުމެއް ޒިންމާ ނަގަން ޖެހޭނީ ނުޕުރް ޝަރްމާ ކަމަށެވެ. އަދި ޓީވީ ޗެނަލެއްގައި އެކަމަށް މާފަށް އެދެން އޭނާއަށް ވަނީ އަންގާފައެވެ.

"އޭނާގެ އެ ދުލުން މުޅި ގައުމުގައި ވަނީ އަލިފާން ރޯވެފައި،" ސުޕްރީމް ކޯޓުގެ ނިންމުމުގައި ވެއެވެ.

ނަމަވެސް ނުފުރް ޝަރްމާގެ ވަކީލު ކޯޓުގައި ވަނީ އޭނާ މައާފަށް އެދި އޭނާގެ ވާހަކަތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ބުނެފައެވެ. ކޯޓުން ވަނީ ސިޔާސީ ޕާޓީއެއްގެ ތަރުޖަމާނަށް ވުމަކީ ފުރައްސާރަ ކުރަން ލިބޭ ލައިސަންސްއެއް ނޫން ކަަމަށް ބުނެ ވަކީލުންގެ ވާހަކަތަކަށް ރައްދު ދީފައެވެ.

ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުން ނުރުހުން ފާޅުކޮށް ބަޔާން ނެރުމާ ގުޅިގެންނާއި އިންޑިއާގެ މުސްލިމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން ފެށުމުން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފަ އެވެ.

ބީޖޭޕީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވުމާ ގުޅިގެން ބީޖޭޕީން ބަޔާނެއް ނެރުނު ނަމަވެސް އެ ބަޔާން ނެރުނު ސަބަބެއް ބުނެފައެއް ނުވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރި އޮފިޝަލްގެ ނަންވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީ އަކީ ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އަދި އެއްވެސް ދީނެއްގެ ޝަހްސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.